ޚަބަރު

ވިއެޓްނާމުގައި ބާއްވާ ސަމިޓަށް ވަޑައިގަތުމަށް ކިމް ދަތުރުފުޅު ފައްޓަވައިފި


އެމެރިކާ އާއި އުތުރުކޮރެޔާގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ވިއެޓްނާމަށް ވަޑައިގަތުމުގެ ދަތުރުފުޅު އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން ފައްޓަވައިފިއެވެ.

ރަޝިޔާގެ ޓާސް ނޫސް އެޖެންސީން ބުނީ ކިމް ޖޮންގް އުން ވިއެޓްނާމަށް ވަޑައިގަންނަވަނީ ރޭލުން ކަމަށެވެ.

ކިމް ދަތުރުކުރައްވާ ވީއައިޕީ ރޭލު ހޮނިހިރު ދުވަހު ޕިޔޮންގްޔަންގުން ފުރާފައިވާ ކަމަށާއި، އެ ރޭލު ވިއެޓްނާމަށް ވާސިލްވާނީ މިމަހުގެ ފަންސަވީހުގައި ކަމަށްވެސް ޓާސް ބުނެއެވެ.

ވިއެޓްނާމުން ވަނީ މިމަހުގެ ފަންސަވީސް ވަނަދުވަހު ކިމް ޖޮންގް އުން އެގައުމަށް ވަޑައިގަންނަވާނެކަން ކަށަވަރުކޮށްދީފައއެވެ.

ކިމް ވިއެޓްނާމަށް ވަޑައިގަންނަވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ސަމިޓް ބައްދަލުވުމެއް ބާއްވަން ކަމަށްވިޔަސް އޭގެކުރިން ކިމް އާއި ވިއެޓްނާމުގެ ރައީސް ނުޔެންފޫ ޓްރޮންގް ގެ ސަމިޓް ބައްދަލުވުމެއް ބޭއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.

ޓްރަމްޕާއި ކިމްގެ ދެވަނަ ސަމިޓް އޮންނަނީ މިމަހުގެ ހަތާވީހުން އަށާވީހަށް ވިއެޓްނާމްގެ ވެރިރަށް ހެނޯއިގައެވެ. ކިމް އާއި ޓްރަމްޕްގެ ފުރަތަމަ ސަމިޓް ބައްވާފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހު ސިންގަޕޫރުގައެވެ.