ޚަބަރު

އީރާނުގެ އެކްސްޕޯޓާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހުއްޓުވޭނޭ ބާރު ލިބިފައިވާކަމަށް އެ ޤައުމުން ހާމަކޮށްފި


އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުމަކަށް ގެނައުމަށްޓަކައި އެމެރިކާ އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ބާރު ކަނޑުވާލެވޭފަދަ ޚިޔާރުތަކާއި ވަސީލަތްތައް އީރާނަށް ލިބިގެންވާ ކަމަށް އެ ގައުމުން ބުނެފިއެވެ.

އީރާނުގެ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ އަމީންއާންމު އަލީ ޝަމްޚާނީ ވިދާޅުވީ އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުމަކަށް ގެނައުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ބާރު ކަނޑުވާލުމަށް ގިނަ ގައުމުތަކަކާ ގުޅިގެން އީރާން މަސައްކަތް ކުރަމުން ގެންދާކަމަށާ އެމެރިކާގެ އެންމެފަހުގެ ފިޔަވަޅުތަކުން އީރާނުގެ ތެލުގެ އެކްސްޕޯޓަށް ކުރަނީ ކުޑަ އަސަރެއްކަމަށެވެ.

ތަސްނީމް ނޫސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ޝަމްޚާނީ ވިދާޅުވީ ގަލްފުގެ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަކީވެސް އެމެރިކާއާ ދެކޮޅަށް އެޅުމަށް އީރާން ޚިޔާރުކުރާ ފިޔަވަޅުތަކުގެ ތެރޭން ފިޔަވަޅެއްކަމަށާ އެނޫން ފިޔަވަޅުތައްވެސް އެބަހުރިކަމަށެވެ.

އެމެރިކާއާ ވާހަކަދެއްކުމާ ބެހޭގޮތުން ކުރި ސުވާލެއްގެ ޖަވާބުގައި ޝަމްޚާނީ ވަނީ ޓްރަމްޕްގެ ޒައާމަތުގައި އެމެރިކާއާ ވާހަކަދެއްކުމަކީ ބޭރުކާރު ކަމެއްކަމަށް ސިފަކުރައްވައި އެކަން ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.