ޗައިނާގައި ތެޔޮ ސާފުކުރާ ރިފައިނަރީ އަކާއި ޕެޓްރޯ ކެމިކަލް ކާރުޚާނާއެއް ބިނާކުރުމުގެ ދިހަ ބިލިޔަން ޑޮލަރުގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ސައޫދީ އަރަބިޔާއިން ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ދެގައުމުން ސޮއިކުރީ ސައޫދީ ވަލީއަހްދު މުހައްމަދު ބިން ސަލްމާން ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައެވެ.
ޗައިނާއަކީ ސައޫދީ ވަލީއަހްދު މުހައްމަދު ބިން ސަލްމާން އޭޝިޔާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހުގެ މަންޒިލެވެ. ޗައިނާއަށް ވަޑައިގަތުމުގެ ކުރިން ބިން ސަލްމާން ވަނީ ޕާކިސްތާނަށާއި އިންޑިޔާއަށް ޒިޔާރަތް ކުރައްވާފައެވެ. ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި ބިން ސަލްމާން ވަނީ ރައީސް ޝީޖިންޕިން އާ ބައްދަލުކުރައްވާފާ. މީގެއިތުރުން ބިންސަލްމާންގެ ވަފްދުގެ ބޭފުޅުންނާއި ޗައިނާގެ ބޮޑެތި ކުންފުނިތަކުގެ ވެރިންވެސްވަނީ ބައްދަލުކުރެއްވުންތައް ބާއްވާފައެވެ.
ބިން ސަލްމާންގެ މިދަތުރުފުޅުގައި ހަކަތައާއި އެނޫން ދާއިރާތަކުގައި އަށާވީސް ބިލިޔަން ޑޮލަރު ޗައިނާގައި އިންވެސްޓް ކުރުމާބެހޭ އެއްބަސްވުންތަކުގައި ދެގައުމުގެ މަސްއޫލުވެރިންވަނީ ސޮއިކުރައްވާފައެވެ. މީގެ ތެރޭގައި ޗައިނާގައި ތެޔޮ ސާފުކުރާ ރިފައިނަރީ އަކާއި ޕެޓްރޯ ކެމިކަލް ކާރުޚާނާއެއް ބިނާކުރުމުގެ ދިހަ ބިލިޔަން ޑޮލަރުގެ އެއްބަސްވުންވެސް ހިމެނެއެވެ.
ޝީ ޖިންޕިން އާ ބައްދަލުކުރެއްވުމަށްފަހު ބިން ސަލްމާން ވިދާޅުވީ ޗައިނާއާއި ސައޫދީ އަކީ ޒަމާންވީ ދެ ރަހްމަތްތެރިން ކަމަށާ އަދި ޗައިނާއަކީ ސައޫދީން އިސްވެސްޓް ކުރަން ރަނގަޅު ޤައުމެއްކަމަށެވެ. މިއީ އެމެރިކާ އާއި ޔޫރަޕް ނޫން ސަރަހައްދުތަކުގައި އިންވެސްޓް ކުރުމަށް ސައޫދީން އަލަށް ގެންގުޅެންފެށި ސިޔާސަތުގެ ދަށުން ކުރާ އިންވެސްޓްމަންޓް ތަކެއް ކަމަށް މުރާސިލުން ބުނެއެވެ.
ބިން ސަލްމާން އޭޝިޔާއަށް ކުރައްވާ ދަތުރުފުޅުގައި ޕާކިސްތާނުގައި ވިހި ބިލިޔަން ޑޮލަރު އަދި އިންޑިޔާގައި ގާތްގަނޑަކަށް ފަންސާސް ބިލިޔަން ޑޮލަރު އިންވެސްޓް ކުރުމަށް ވަނީ ނިންމާފައެވެ. ޗައިނާއަކީ ކުރިން މެދުއިރުމަތީގެ ކަންތައްތަކާ ދުރުގައި އޮންނަ ގައުމެއް ކަމަށްވިޔަސް މިފަހަކަށް އައިސް ޗައިނާ ގެންދަނީ އަރަބި ގައުމުތަކުގައި އިންވެސްޓްކޮށް މެދުއިރުމަތީގައި ހިނގާ ކަންކަމުގައި އެގައުމުގެ ސިޔާސަތުތައް ހާމަކުރަމުންނެވެ.
މިގޮތުން ސޫރިޔާއާމެދު އެމެރިކާ ގެންގުޅޭ ސިޔާސަތުތަކަށް ޗައިނާ ފާޅުގައި ދެކޮޅު ހަދަމުން ގެންދާއިރު ސޫރިޔާގެ މައްސަލައާއި ފަލަސްތީނުގެ މައްސަލާގައި އދގެ ސަލާމަތީ މަޖިލީހުން ފާސްކުރަން އެމެރިކާ މަސައްކަތްކުރާ ގަރާރުތަކަށް ޗައިނާއިން ފާޅުގައި ހުރަސްއަޅައި އެ ގަރާރުތައް ހުއްޓުވާފައިވެއެވެ. އެމެރިކާ އާއި ޔޫރަޕް ނޫން ސަރަހައްދުތަކުގައި އިންވެސްޓް ކުރުމަށް ސައޫދީން އަލަށް ގެންގުޅެންފެށި ސިޔާސަތަކީ އެމެރިކާއަށާއި ޔޫރަޕަށް ސައޫދީން ދޭ މެސެޖެއްކަމަށް މުހައްލިލުން ދެކެއެވެ.
އިންސާނީ ހައްގުތަކުގެ ނަމުގައާއި ޑިމޮކްރަސީ ފަދަ ނަންނަމުގައި އެމެރިކާ އާއި ޔޫރަޕުން ސައޫދީއަށް ފާޑުކިޔައި ސައޫދީގެ ދާޚިލީ ކަންތައްތަކާބެހެމުންދާއިރު އޭޝިޔާގެ ގައުމުތަކުން މިފަދަ ސިޔާސަތުތައް ނުގެންގުޅުމާއި ޗައިނާއަކީ ކައިރި މުސްތަގްބަލެއްގައި ދުނިޔޭގެ އެއްވަނަ އިގްތިސާދުގެ މަގާމު ހޯދާނެ ގައުމުކަމަށް ބެލެވުމަކީ ސައޫދީގެ ސިޔާސަތަށް މިގެނައި ބަދަލުގެ ފަހަތުގައިވާ މައިގަނޑު ސަބަބުތައް ކަމަށް މުހައްލިލުން ވިދާޅުވެއެވެ.