ޚަބަރު

އިންޑިޔާގެ ދަނޑުވެރިންގެ އެތައް ހާސް ބަޔަކު އިޙުތިޖާޖުކުރަން ފަށައިފި


އިންޑިއާގެ ދަނޑުވެރިން ބޭނުންވާ ކަންތައްތަކަށް ސަރުކާރުން އިޖާބަ ނުދިނުމުން ދަނޑުވެރިންގެ އެތައް ހާސް ބަޔަކު އިޙުތިޖާޖުކުރަން ނިކުމެއްޖެއެވެ. މަހާރާޝްޓްރާގެ 50،000 އަށްވުރެ ގިނަ ދަނޑުވެރިން އިޙުތިޖާޖުކުރުމުގެ ގޮތުން ވަނީ ރަށްފުށުގެ ސަރަހައްދުތަކުން މުންބާއިއަށް ހިނގާފައި ދިޔުމަށް ދަތުރުފަށާފައެވެ.

ދަނޑުވެރިންގެ ޝަކުވާއަކީ އެމީހުން ކުރާ ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަށް އެކަށީގެންވާ އަގެއް ނުލިބުމެވެ.
ދަނޑުވެރިންގެ އިހުތިޖާޖުތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނީ، އެ މީހުންގެ ގާފިލާއަށް ހިނގާފައި މުމްބާއީއަށް ދެވޭނީ މިމަހުގެ 27 ވަނަ ދުވަހުކަމަށެވެ.

އިންޑިޔާގެ އާންމު އިންތިޚާބު ގާތްވެފައިވާއިރު ބޮޑުވަޒީރު ނަރަންދުރަ މޯދީއަށް ކުރިމަތިވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ދަނޑުވެރިންގެ ހިތްހަމަނުޖެހުމެވެ. އިންޑިޔާގެ ދަނޑުވެރިން އެދޭ އެދުންތަކުގެ ތެރޭގައި އެ މީހުންގެ އުފެއްދުންތަކަށް ރަގަނޅު އަގެއް ހޯދައިދިނުމާއި އެ މީހުންގެ ދަރަނިތައް ކުޑަކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ދަނޑުތަކަށް ފެންލިބޭނެ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.

މީގެ އިތުރުން ދަނޑުވެރިން މުސްކުޅި އުމުރަށް ދިޔުމުން އެ މީހުންނަށް ޕެންޝަން ލިބޭނެ ސްކީމެއް ހަމަޖައްސައިދިނުންވެސް އިންޑިޔާގެ ދަނޑުވެރިންގެ ބޭނުންތަކުގެ ތެރޭގައި ހިމެނެއެވެ.