މަންހަޖާއި ގުޅުންހުރި ތަފާތު ކަރުދާސްތައް "ޤައުމީ މަންހަޖު މުރާޖާކުރުމުގެ މަހާސިންތާ"ގެ ފުރަތަމަ ދުވަހު ބައިވެރިން ހުށައަޅައިފިއެވެ.
މަންހަޖު މުރާޖާކުރުމަށް ބޭއްވި މަހާސިންތާގެ ފުރަތަމަ ދުވަހުގެ ސެޝަންތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ކޯރޑިނޭޓަރ އާނިޔާ އަލީ ވިދާޅުވީ މަހާސިންތާގެ ފުރަތަމަ ދުވަސް ވަރަށް ކާމިޔާބުކަމަށާއި އެކި ދާއިރާތަކުން ގިނަ ކަރުދާސްތަކެއް ހުށަހަޅާފައިވާ ކަމަށެވެ. 2015 ވަނަ އަހަރު ތަންފީޒުކުރަން ފަށާފައިވާ އައު މަންހަޖު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މިމަހާސިންތާގައި އައު މަންހަޖުގައި ހާސިލުކުރަން ބޭނުންވާ 8 އަސާސަށް ވާޞިލުވެވޭ މިންވަރު ދެނެގަނެ އެކަންކަމުން ނިކުންނަ ނަތީޖާތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ. ބައިވެރިން ވަނީ މަންހަޖު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ހުރި ކަންބޮޑުވުންތައް ހުށަހަޅާފައެވެ.
އާނިޔާ ވިދާޅުވީ މަހާސިންތާގައި ބައިވެރިވުމަށް ގިނަ ޢަދަދެއްގެ ސްކޫލްތަކަކުން ޝަޢުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ހުރިހާ ފަރާތަކަށް ފުރުސަތު ނުދެވުނުނަމަވެސް ހުރިހާ ސަރަޙައްދެއްވެސް ޝާމިލުވާނެހެން މަހާސިންތާގެ ކަންކަން ކުރުމުގައި ވިސްނާފައިވާނެ ކަމަށެވެ.
"މަންހަޖާއި ދޭތެރޭގައި މަންހަޖު މައިގަނޑު ގޮތެއްގައި އެކުލަވާލާފައި އޮތް ގޮތާއި ދޭތެރޭ ގިނަ ބޭފުޅުން ފާހަގަކުރެއްވީ ވަރަށް ފުރިހަމަ މަންހަޖެކަމަށް. ނަމަވެސް މީގެ ތެރެއިން ތަންފީޒީ މަރުޙަލާގައި ތަފާތު ގިނަ ގޮންޖެހުންތައް ހުރިކަން ގިނަ ބޭފުޅުން ފާހަގަކުރެއްވި. އޭގެ ތެރޭގައި ކިޔަވައިދިނުމުގައި ކުދިންގެ ޢަދަދު ގިނަކަމާއި ވަގުތު ކުޑަކަމާއި މިފަދަ ތަފާތު މަޢުޟޫތަކަށް ވާހަކަދެކެވިގެންދިޔަ،" އާނިޔާ ވިދާޅުވިއެވެ.
ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި މުދައްރިސުންނާއި ސްކޫލް ބޯޑު މެމްބަރުންނާއި ބެލެނިވެރިންނާއި އަދި އަލިއްލަ ސްކޫލްތަކާއި ކޮލެޖްތަކާއި ޖަމްއިއްޔާ ޖަމާޢަތްތަކަށް ބައިވެރިވެވޭނެހެން ކުރިއަށްގެންދާ މިމަހާސިންތާގައި 219 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ވަޢުދުތަކުގެ ތެރެއިން މިމަހާސިންތާއަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރިއަށްގެންދާ އެންމެ މުހިއްމު އަދި އެންމެ ފަހުގެ ވަޢުދުކަން އެމިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.