ތަޢުލީމު

ފުރަތަމަ 100 ދުވަހު ތަޢުލީމީ ދާއިރާއިން ކަނޑައެޅި ވަޢުދުތައް ފުއްދައިފި


ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ތަޢުލީމީ ދާއިރާއިން ފުއްދުމަށް ކަނޑައެޅި ވަޢުދުތައް ފުއްދާ ނިމިއްޖެއެވެ.

ޤައުމީ މަންހަޖު މުރާޖާކުރުމުގެ މަހާސިންތާ މިއަދު ފަށާފައިވާއިރު މިމަހާސިންތާއާއިއެކު ސަރުކާރުގެ ފުރަތަމަ 100 ދުވަހު ތަޢުލީމީ ދާއިރާއިން ފުއްދުމަށް ކަނޑައެޅި 11 ވަޢުދު ފުއްދާ ނިމުނީއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ މުހިންމު ވަޢުދުތަކަށް ބަލާއިރު، ތަޢުލީމީ މަންހަޖު މުރާޖައާ ކުރުމާއި ރާއްޖޭގައި ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލުމާއި ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތާއި ސްޓޫޑެންޓް ލޯން ސްކީމްތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކުރުމާއި ސްކޫލުތަކުގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ފެށުން ފަދަ ކަންކަން ހިމެނެއެވެ.

ޤައުމީ މަންހަޖު މުރާޖާކުރުމުގެ މަހާސިންތާގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ރަޝީދު އަޙްމަދު ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކާއެކު ތަޢުލީމީ ދާއިރާއިން މުހިންމު ކަންތައްތަކެއް ހާސިލްކުރެވިފައިވާ ކަމަށެވެ.

"މިމަހާސިންތާ މިގޮތަށް ބޭއްވެމުން މިދަނީ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވަޢުދެއްގެ ގޮތުން. މިއީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމަންޖެހޭ އެންމެ މުހިއްމު އަދި އެންމެ ފަހުގެ ވަޢުދުކަންވެސް އަޅުގަނޑު މިފުރުޞަތުގައި ފާހަގަކުރަން." އޭނާ ވިދަޅުވިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ހަމަޖެހިފައވާކަންކަމުގެ އެންމެ ފަހުގެ ތާރީޚަކީ އަންނަ މަހުގެ 28 ވަނަ ދުވަހެވެ.

މިއަދު ފެށި ޤައުމީ މަންހަޖު މުރާޖަޢާ ކުރުމުގެ މަހާސިންތާ ކުރިއަށް އޮތް 2 ދުވަހަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ އެކިސަރަޙައްދުތަކުން 219 ފަރާތަކުން މިމަހާސިންތާގައި ބައިވެރިވަމުންގެންދަވާކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން ހާމަކުރެއެވެ.

އެން.އައި.އީ ވިދާޅުވީ މިމަހާސިންތާގައި ރާއްޖޭގެ އެކި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި ސްކޫލްތަކުގެ ބޯޑު މެމްބަރުންގެ އިތުރުން ބެލެނިވެރިންވެސް މި މަހާސިންތާގައި ބައިވެރިވެއެވެ. މާލޭގެ ހުރިހާސްކޫލެއް މިމަހާސިންތަގައި ބައިވެރިވާއިރު އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުންގެ އާބާދީއަށް ބަލައިގެން ހޮވާލެވިފައިވާ 62 ސްކޫލްކަމަށް އެން.އައި.އީން މަޢުލޫމާތުދެއްވައެވެ. މީގެ އިތުރުން އަމިއްލަ ސްކޫލްތަކާއި ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ އިތުރުން އަމިއްލަ ޖަމްޢިއްޔާ ތަކުންވެސް މިމަހާސިންތާގައި ބައިވެރިވެފައިވާކަމަށް އެން.އައި.އީން މަޢުލޫމާތުދެއްވައެވެ.