ޚަބަރު

ވޯޓު ކަރުދާހުގައި އީސީގެ ތައްގަނޑު އޮންނާނެ


އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާ ކަރުދާހުގައި ހިމެނޭ ސެކިއިރިޓީ ފީޗަރތަކުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ޚާއްޞަ ތައްގަނޑު ވޯޓުކަރުދާހުގައި ޖަހަން ނިންމާފައިވާކަމަށް އެކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބުގެ ވޯޓު ކަރުދާހުގައި ޚާއްޞަ ތައްގަނޑެއް ޖަހަން ނިންމާފައިވާއިރު، މީގެ ކުރިން ރާއްޖޭގައި ބޭއްވި އެއްވެސް އިންތިޚާބެއްގައި ވޯޓު ކަރުދާހުގައި ކޮމިޝަނުގެ ތައްގަނޑު ޖަހާފައެއްނުވެއެވެ.

މީޑީއާއަށް މަޢުލޫމާތު ދެއްވަމުން އީސީގެ ރައީސް ޝަރީފް ވިދާޅުވީ، ވޯޓު ކަރުދާހުގައި ހިމެނޭ ހުރިހާ ސެކިއުރިޓީ ފީޗަރއެއްގެ އިތުރުން އެ ކޮމިޝަންގެ ތައްގަނޑު ކޮންމެ ވޯޓު ކަރުދާހެއްގައި ހިމެނުމަށް ނިންމެވީ، އެއީ ޞައްހަ ވޯޓު ކަރުދާހެއްކަން ކަށަވަރުކޮށްދިނުމަށްކަމަށެވެ. ކޮންމެ ވޯޓު ކަރުދާހެއް ދޫކުރުމުގެ ކުރިން ތައްގަނޑު ޖަހާނެކަމަށާއި، ކޮންމެ ކަރުދާސްކޮޅަކުންވެސް އެ ތައްގަނޑު ފަސޭހައިން ފެންނާނެހެން ހުންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

"އީސީން ވަނީ ސެކިއުރިޓީ ފީޗާރގެ އިތުރތުން އިތުރު ޔަޤިންކަމެއްވެސް ވޯޓޫ ކަރުދާހުގައި ހިމެނުމަށް. އެއީ ވޯޓު ކަރުދާހުގައި ކޮންމެ ކަރުދާހެއްގައި ދިނުމުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ޚާއްޞަ ތައްގަނޑެއް ޖަހާނެ. އެއީ ވޯޓު ފޮށްޓަށްލާ ކަރުދާސް ފަސޭހައިން ޔަޤީންކުރުމަށް. ފަސޭހައިން އެ ފޮށްޓަށްލަނީ އީސީން ދޫކޮށްފައިވާ ކަރުދާހެއްތޯ ޔަޤީންކުރުމަށް."

ޝަރީފް ވިދާޅުވީ ވޯޓު ކަރުދާސްތައް ޕްރިންޓްކުރުމަށް އަންނަ ހަފްތާގައި ބިޑަށް ހުޅުވާލާނެކަމަށެވެ. މީގެ އިތުރުން މަޖިލިސް އިންތިޚާބުގައިވެސް ކުރީ އިންތިޚާބުތަކެކޭ އެއްގޮތަށް ޓެބްލެޓް ބޭނުންކުރާނެކަމަށާއި، ނަމަވެސް އިންޓަނެޓް ނެތިވެސް މިފަހަރު އެ ޓެބްލެޓްތައް ބޭނުންކުރެވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ކޮންމެ ޓެބްލެތެއްގައިވެސް އެ ފޮށްޓަކަށް ވޯޓުލާ މީހުންގެ ލިސްޓް ހިމަނާފައިވާނެކަމަށާއި، އިންޓަރނެޓްނެތިވެސް ބޭނުންކުރެވޭނެކަމަށެވެ. އަދި ޓެބްލެޓް ބޭނުންކޮށްގެން ނަތީޖާ ޝީޓް އީސީއަށް ފޮނުވާނީ، ވޯޓުލާ މަރުކަޒުގައި ނަތީޖާ އިޢުލާންކޮށް ނަތީޖާ ޝީޓް އެ މަރުޖަޒުގައި ޢާންމުކޮށް ފެންނާނެހެން ތަތްކުރުމަށްފަހުކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.