ތަޢުލީމީ ދާއިރާއިން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާ ފައިހަމަކުރުމަށްޓަކާއި ރާއްޖެއިން ވަރަށް ބުރަ މަސައްކަތެއްކުރަން ޖެހިފައިވާކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
ޤައުމީ މަންޖަހު މުރާޖާކުރުމުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢައިޝަތު ޢަލީ ވިދާޅުވީ، މަދުރަސީ ތަޢުލީމު ކުރިއަރާފައިވާ ޤައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ ތަޢުލީމީ މަންހަޖު ވަރަށް ހަނިކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ކުރިއަރާފައިވާ ޤާއުމުތަކުގެ ތަޢުލީމީ ނިޒާމަށް ބަލާއިރުވެސް ހާމަވާ އެއް ޙަޤީގަތަކީ ރާއްޖޭގެ ދަރިވަރުން ސްކޫލްތަކުގައި ހޭދަކުރާ ވަގުތާއި ސްކޫލަށް ދާ ދުވަސްތަކުގެ ޢަދަދުވެސް މަދުކަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ އެހެން ޤައުމުތަކާއި ފައިހަމަކުރަން ރާއްޖެއަށް އޮތް ބޮޑުހުރަހެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގައި ކިޔަވައިދޭ މާއްދާތަކުގެ މަދުކަމާއި ދަރިވަރުން ތަޖުރިބާކުރަންޖެހޭ އިތުރު ޙަރަކާތްތަކުގެ އުނިކަން ވަރަށް ބޮޑަށް ފާހަގަވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިކަންކަން ޙައްލުކުރުމަށް ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކޮށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މަދުރަސީ ތަޢުލީމު އެންމެ ކުރިއަރާފައިވާ ޤައުމުތަކާއި ދިވެހިރާއްޖެއާއި އަޅާކިޔުމުން އަޅުގަނޑުމެނަށް ފާހަގަކުރެވެނީ ރާއްޖޭގެ މަދުރަސީ ތަޢުލީމުގެ ކުރިއަރުންވަން ކުރަން ޖެހިފައިވާ މަސައްކަތް ވަރަށް ބުރަކަން. އެންމެ ބޮޑަށް އަޅުގަނޑަށް ފާހަގަކުރެވޭ ކަމަކީ ރާއްޖޭގެ މަންހަޖުގެ ހަނިކަން. ކިޔަވައިދޭ މާއްދާތައް މަދުކަމާއި ދަރިވަރުން ކުރާ އެހެން ތަޖުރިބާތަކުގެ އުނިކަން." މިނިސްޓަރ ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް މިހާތަނަށް އައި ކޮންމެ ބަދަލެއް ނުވަތަ އިސްލާޙެއް ގުޅިފައިވަނީ ސިޔާސީ ދާއިރާއާ ކަމަށެވެ. އެގޮތުން އެކި ސަރުކާރުތަކުގައި ތަޢުލީމީ ދާއިރާއާ ގުޅުންހުރި އެކި ޕޮލިސީތައް އެކުލަވާލައި އަމަލު ކުރަމުންއައިކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ސަރުކާރުން ފަށާފައިވާ ހެނދުނުގެ ނާސްތާ ޕްރޮގްރާމަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ މި ޕްރޮގްރާމުގެ ސަބަބުން މުސްތަޤުބަލުގައި ދުޅަހެޔޮ ދަރިވަރުންތަކެއް ފެނިގެންދާނެ ކަމަށެވެ. އަދި މިއީ މުޅި ޤައުމުގެ މުސްތަޤްބަލު އުޖާލާވާނެ ކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.