ޚަބަރު

މަޖިލިސް އިންތިޚާބުގައި 395 ކެނޑިޑޭޓުން ވާދަކުރާނެ


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 395 ކެނޑިޑޭޓުން ވާދަކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އިސީން ބުނީ އިންތިޙާބުގައި ވާދަކުރުމަށް އެދި ހުށައަޅާފައިވަނީ 35 އަންހެން ކެނޑިޑޭޓުންނާއި 360 ފިރިހެން ކެނޑިޑޭޓުންނެވެ.

އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު 21 ފެބްރުއަރީގެ ނިޔަލަށް 403 ފަރާތަކުން އެޕްލިކޭޝަން ފޯމް ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އިންތިޙާބާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢޫލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް 403 ފަރާތަކުން ހުށައެޅިނަމަވެސް ބައެއް މައްސަލަތައް ހުރުމުން 8 ފަރާތެއްގެ ފޯމް ބަލައިގެންފައިނުވާކަމަށެވެ.

އިންތިޙާބުގައި ވާދަކުރަނީ 35 އަންހެން ކެނޑިޑޭޓުންނާއި 360 ފިރިހެން ކެނޑިޑޭޓުންކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ
އަންނަ މަޖިލިސް އިންތިޚާބުގައި ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕިން 86 ދާއިރާގައި ވާދަކުރާނެއެވެ. ސަރުކާރުގެ ކޯލިޝަން ހިމެނޭ ޖުމްހޫރީ ޕާޓީން 41 އެއް ދާއިރާއެއްގައި ވާދަކުރާއިރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން 9 ދާއިރާއެއްގައި ވާދަކުރާނެއެވެ.

ޕީޕީއެމުން 26 ދައިރާއަކަށް ކެންޑިޑޭޓުން ނެރެފައިވާއިރު އެ ޕާޓީއާއި އެކު ކޯލިޝަން ހަދާފައިވާ ޕީއެންސީ 23 ދާއިރާއަކަށް އަދި ޑީއާރުޕީޏް 05 ދާއިރާއަކަށް ވާދަކުރެއެވެ. އެމްޑީއޭއިން ވާދަކުރަނީ 8 ދައިރާއަކަށެވެ. ދާދިފަހުން އުފެއްދި އެމްޓީޑީން 10 ކެނޑިޑޭޓުން އިންތިހާބަށް ނެރެއެވެ. އަދި ލޭބަރ ޕާޓީން 9 ދައިރާއަކަށް ކެނޑިޑޭޓުން ނުކުމެއެވެ. މި ފަހަުގެ އިންތިހާބުގައި އަމިއްލަ ގޮތުން މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި 186 ފަރާތަކުން އިންތިޚާބުގައި ވާދަކުރާނެެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމާއި ނަންތައް އިޢުލާންކުރުން އޮންނާނީ މިމަހުގެ 27 ވަނަދުވަހުކަމަށެވެ. އަދި ކެނޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުޞަތު މިމަހުގެ 28 އިން އަންނަ މާރޗް މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާނެކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

އަންނަ މަޖިލިސް 507 ވޯޓު ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. މާލޭގެ 15 ދާއިރާއަށް ނިސްބަތްވާ މާލޭގެ ރައްޔިތުން ވޯޓުލުމަށް 59 ވޯޓު ފޮށި ހުންނާނެއެވެ. މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ވޯޓްލުމަށް 82 ވޯޓު ފޮށި، އަތޮޅުތަކުގެ ރަށްތަކުގައި 306 ވޯޓު ފޮށި، ބަހައްޓާނެއެވެ. އަދި ރިސޯތްތަކުގައި 39 ވޯޓު ފޮށި، ސިނާޢީ މަސައްކަތްކުރާ ތަންތަނުގައި 4 ވޯޓު ފޮށި، ޖަލުތަކުގައި 5 ވޯޓުފޮށި، ރާއްޖެއިން ބޭރުގައި 12 ވޯޓު ފޮށި މި ފަހަރުގެ އިންތިޚާބުގައި ބަހައްޓާނެކަމަށް އިސީން ބުނެއެވެ.

ޝަރީފް ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ކޮންމެ ވޯޓު ފޮށްޓަކަށްވެސް އެންމެ ގިނަވެގެން ވޯޓުލާނީ 1000 މީހުންކަމަށެވެ. އަދި ވޯޓު ފޮށްޓަކަށް ވޯޓުލާ ޢަދަދަކީ 700 އާއި 1000 އަށް ދެމެދު ޢަދަދެއްކަމަށްވާނަމަ ވޯޓް ކަރުދާސް ދޫކޮށް ހެދުމަށް ދެ މޭޒެއް ކޮންމެ މަރުކަޒެއްގައި ޤާއިމްކުރައްވާނެކަމަށްވެސް އިސީން ބުނެއެވެ.

ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިންޑިއާގެ ޓްރިވެންޑްރަމް، ނިއުދިއްލި، މެލޭޝިއާ، ސްރީލަންކާ، ލަންޑަން، ސިންގަޕޫރު، ތައިލެންޑް އަދި ބަންގުލަދޭޝްގައެވެ. އެ ތަންތަނުގައި ވޯޓު ފޮށި ބަހައްޓަނީ މަދުވެގެން 100 މީހުން ވޯޓުލުމަށް ރަޖިސްޓްރީވުމުންކަމަށް އިށިން ބުނެއެވެ. އަދި ރިސޯޓްތަކުގައި ވޯޓު ފޮށި ބަހައްޓާނީ މަދުވެގެން 50 މީހުން ރަޖިސްޓްރީކުރުމުންކަމަށްވެސް އީސީން ބުނެއެވެ.

ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވީ މި އިންތިޚާބުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުންކަމަށެވެ. އޮފިޝަލުން ހޯދުމަށް ސިޔާސީ ޕާޓީތަކާއި ސަރުކާރު ކުންފުނިތަކާިއ މިނިސްޓްރީތަކާއި މުއައްސަސާތަކާ ބައްދަލުކޮށް އެހީތެރިކަމަށް އެދިފައިވާނެކަމަށް ޝަރީފް ވިދާޅުވުވިއެވެ.. އިންތިޚާބުގައި ޖުމްލަ 3712 އޮފިޝަލުން ބޭނުންވާއިރު މިހާތަނަށް ލިބިފައިވަނީ 1635 އޮފިޝަލުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

" އަތޮޅުތަކުގައި ބަހައްޓަ ވޯޓު ފޮށިތަކަށް 2321 އޮފިޝަލުން ބޭޏުންވާއިރު މިހާތަނަށް ލިބިފައިވަނީ 1354 އޮފިޝަލުން. އިތުރަށް 967 އޮފިޝަލުން އަތޮޅުތަކަށް ބޭނުންވޭ. މާލެއަށް 1185އޮފިޝަލުން ބޭނުންވާއިރު މިހާތަނަށް ލިބިފައިވަނީ 533 އޮފިޝަލުން. އިތުރަށް 652 އޮފިޝަލުން ބޭނުންވޭ. އަދި ރިސޯޓްތަކަށް 156 އޮފިޝަލުން ބޭޏުންވާއިރު މިހާތަނަށް ލިބިފައިވަނީ 140 އޮފިޝަލުން. އިތުރަށް 16 އޮފިޝަލުން ބޭނުންވޭ. ސިނާއީ ސަރަހައްދުތަކުންނާިއ ރާއްޖެއިން ބޭރުން ބޭނުންވާ ޢަދަދަށް އޮފިޝަލުން ވަނީ ލިބިފައި. އަދި ރިޒާވް ޕޫލަށްވެސް 500 އޮފިޝަލުން ބޭނުންވޭ". އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ އޮފިޝަލުން ހޯދުމަށް ދަތިވެ ބޭނުންވާ ޢަދަދަށް އޮފިޝަލުން ހަމަނުވެއްޖެނަމަ ޤާނޫނުން އިލެކްޝަންސް ކޮމިޝަނަށް ލިބިދޭ ބާރު ބޭނުންކުރާނެކަމަށް ވިދާޅުވެފައެވެ. އެއީ ކޮންމެ މުއައްސަސާއަކުން އީސީން އެދޭ ޢަދަދަށް އޮފިޝަލުން ހޯދުމުގެ ބާރު ޤާނޫނުން ލިބިދޭކަމަށް ޝަރީފް ވިދާޅުވިއެވެ.