ތަޢުލީމު

"ދިވެހި ޤައުމު މިވަނީ، މިއިން ޒަމާނަކު ބޭނުން ނުވާވަރަށް އަޚްލާޤީ ރީތި ސިފަތަކަކަށް ބޭނުންވެފައި"


މިއިން ޒަމާނަކު ރާއްޖެއަށް ބޭނުންނުވާވަރަށް އަޚުލާގީ ރީތި ސިފަތަކަށް ޤައުމު ބޭނުންވެފައިކަމަށް ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ޤައުމީ މަންހަޖު މުރާޖަޢާ ކުރުމުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ޤައުމީ މަންހަޖު މުރާޖާ ކުރުމުގެ މަހާސިންތާ ފަށްޓަވާ ދެއްވާ ވާހަކަފުޅުދައްވަކަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ މިއަދު ރާއްޖެ މިވަނީ މިއިން ޒަމާނަކު ބޭނުން ނުވާ މިންވަރަށް އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި އިޙްސާންތެރިވުމާއި ކަމޭހިތުމާއި އެކަކު އަނެކެއްގެ އިޙުސާސްތައް ދެނަގަތުމުގެ ރީތި އަޚުލާގަށް ބޭނުންވެފައިކަމަށެވެ. އަދި މިސިފަތައް އުންގަންނައި ދިނުމުގެ މަތިވެރި ޒިންމާ އޮތް ބަޔަކީ ތަޢުލީމީ ދާއިރާގައި ތިބި މީހުންކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ ކުދިންގެ އަޚްލާގަށް ބަދަލު ގެނެވޭނީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ވިސްނުންވެސް ބަދަލުވެގެންކަމަށެވެ.

ރައީސްގެ އަނބިކަނބަލުންގެ ވާހަކަފުޅުގައިވަނީ އެކި ކުދިންނަކީ ތަފާތު މާޙައުލުތަކުން ތަފާތު ޙާލަތްތައް މެދުވެރިވެފައިތިބޭ ކުދިންނަށްވާއިރު ކުދިންގެ ކިޔެވުމުގެ ފެންވަރާއި ކުދިންގެ ހެދި ބޮޑުވުމާއި އަޅާ ކިޔުން ހުއްޓާލާ ކުދިންގެ މެދުގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކުދިން ތިބޭނެކަން ދަނެ، ކުދިންގެ މެދުގައި ތަފާތުނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ތަޢުލީމީ ދާއިރާގައި ކުރެއްވި ތަޖުރިބާ ހިއްސާކުރައްވާމުން ވަނީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއިން ފާހަގަވި އެންމެ މުހިއްމު އެއްކަމަކީ ކޮންމެ ފިލާވަޅަކުން ދަރިވަރުންނަށް އިނގެންޖެހޭ 3 ބައިގެ ތެރެއިން ސިފަ އަށަގެންނެވުމުގެ ބައި ދަރިވަރުންނަށް ބުނެދިނުމުގައި އެކަށީގެންވާ ސަމާލުކަން ނުދެވޭކަން ކަމަށް ވިދާޅުވިއެވެ. ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދަކީ ތަޢުލީމީ ދާއިރާއަށް 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ކަނބަލެކެވެ.

ޤައުމީ މަންހަޖާ ގުޅޭގޮތުން ވާހަކަފުޅުދައްވަމުން ރައީސްގެ އަނބިކަނބަލުން ވަނީ މަންހަޖު އެކުލަވާލީ 8 އަސާސެއްގެ މައްޗަށް ދަރިވަރުން ތައްޔާރުކުރުމަށްކަމަށްވާއިރު އެމަޤުޞަދުތައް ޙާސިލުކުރެވެމުން ދޭތޯ ގާތުން ބަލަމުންދާންޖެހޭކަމަށާއި އެކަން އެހެން ނުކުރެވޭނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ގިނަގޮންޖެހުންތަކެއް ކުރިމަތިވާނެކަން ފާހަގަކުރައްވާފައެވެ.

ޤައުމީ މަންހަޖު މުރާޖާކުރުމުގެ މަހާސިންތާ ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާކަންކަމުގެ ތެރޭގައި ހިމެނޭކަމެކެވެ.