ވިޔަފާރި

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިންޑިއާގެ ޓޫރިޒަމް މިނިސްޓަރާއި ބައްދަލުކުރައްވައިފި


ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ ޓޫރިޒަމް މިނިސްޓަރ ކޭ.ޖޭ އަލްފޯންސްއާއި ބައްދަލުކުރައްވާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވަން ހުރި ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިނިސްޓަރ އަލީ ވަހީދުގެ މި ދަތުރުފުޅަކީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިމަހުގެ 22 އިން 23 އަށް ކުރިއަށްދާ 5 ވަނަ ގްލޯބަލް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުުފުޅެކެވެ. މިނިސްޓަރގެ މި ދަތުރުފުޅުގައި އައްޑޫސިޓީ، ފުވައްމުލަކު ސިޓީ އަދި މާލެ ސިޓީގެ މޭޔަރުންގެ އިތުރުން ކުޅުދުއްފުށި ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ އިންޑިއާގެ ޓޫރިޒަމް މިނިސްޓަރ ކޭ.ޖޭ އަލްފޯންސްއާއި ބައްދަލުކުރައްވާ ދެޤައުމުގެ ގުޅުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ވަކިން ޚާއްސަކޮށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ރާއްޖެއާއި އިންޑިއާއިން ގުޅިގެން ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ދެވޭނެ ފަސޭހަގޮތެއް ހަމަޖެއްސުމާއި ބެހޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

މިނިސްޓަރ އަލީ ވަހީދު އިންޑިއާއަށް ކުރައްވަމުންގެންދަވާ، މި ދަތުރުފުޅުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފަތުރުވެރިކަން ތަޢާރަފްކުރުމަށް މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.