ސިޔާސީ

ނަޝީދުގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދަޢުވާއެއް ނޫން –ތަރުޖަމާން


ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދަޢުވާއެއް ނޫން ކަމަށާއި، ޝަރުއީ ކޯޓަކުން ކުރާ ހުކުމެއް ތަންފީޒްކުރުމަށް، ރައީސުލްޖުމްހޫރިއްޔާ  ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.އޭނާ މިހެން ވިދާޅުވީ، ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ޖިނާއީ ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅޭގޮތުން ކުރެއްވި ޓުއީޓްތަކެއްގައެވެ.ދިވެހިރާއްޖޭގައި އޮންނަނީ ބާރުތައް ވަކިވެފައިވާ ނިޒާމެއް ކަމަށާއި، ޑިމޮކްރަސީއެއްގައި ވެރިކަން ކުރާ ފަރާތުން ޝަރުޢީ ދާއިރާގެ ތެރެއަށް ވަދެ ހުރަސް ނާޅާނޭކަމަށް އޭނާ ފާހަގަ ކުރައްވާފައިވެއެވެ. އަދި ޝަރީއަތުގެ އަޑުއެހުންތަކާ ގުޅޭ މައްސަލަތަކަށް ދައުލަތް ހިންގާ ބާރުން ޒިންމާވާން ނުޖެހޭނެކަމަށްވެސް މުއާޒް ވިދާޅުވިއެވެ.ސަރުކާރުގެ މަޤްޞަދަކީ ގައުމުގައި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ޤާއިމް ކުރުން ކަމަށާއި، ހަމަ ނުޖެހުމަކަށް ސަރުކާރުން ޖާގަނުދޭނެކަމަށް  މުއާޒް ވިދާޅުވިއެވެ.