މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ)ގެ މަޝްހޫރު ބޮޑު ޚިޔާނާތުގެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލަންފެށީ 27 އޮކްޓޫބަރު 2015 ގައެވެ.
އެއީ 2012ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން ޓޫރިޒަމްގެ ބޭނުމަށް އެކިފަރާތްތަކަށް ދޫކޮށްފައިވާ ރަށްތައް ދޫކުރުމުގައި ޤާނޫނާ ޚިލާފަށް ވަކިބަޔަކަށް މަންފާވާގޮތަށް އެމްއެމްޕީއާރުސީން ޢަމަލުކޮށްފައިވާތީ އެރަށްތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ދައުލަތަށް ނުލިބޭކަމާއި އެރަށްތައް ދޫކުރުމުގައި ރިޝްވަތުގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ބުނާ މައްސަލައެވެ.
މިމައްސަލަ ބަލައި ތަޙުޤީޤު ކުރުމަށްފަހު ތަޙުޤީޤް ރިޕޯޓު ތައްޔާރުކޮށް ނިމިފައިވަނީ 13 ޖުލައި 2017 ގައެވެ. ނަމަވެސް ރިޕޯޓު ޢާންމުކޮށްފައިވަނީ އޭގެ އެއްއަހަރާއި، ހަތްމަސް ފަހުން މިމަހުގެ 14 ވަނަ ދުވަހުގައެވެ.
776 ސަފްހާގެ މިރިޕޯޓްގައި ދިވެހި ރައްޔިތުންގެ ފައިސާއާއި މުދަލަށް ބަޔަކު ގަސްތުގައި ޚިޔާނާތްތެރި ވެފައިވާކަމާއި، އަދި އެކަމުގެ ފޮރުވިފައިވާ ރޭވުންތައް ހަމަވެގެންދިޔައެވެ. މިގޮތުން ޤާނޫނުތަކާއި ގަވައިދުތަކާއި ޚިލާފަށް ދޫކުރި ރަށްތައްކަށް، އިކުއިޒިޝަން ކޮސްޓް ނުވަތަ އެކަމުގެ ފީގެގޮތުގައި ލިބުނު ފައިސާއަށްވީ ގޮތާއި އެފައިސާ ޖަމާކުރި އެކައުންޓްތަކުގެ ތަފުސީލުވެސް ހިމެނެއެވެ. ރިޕޯޓްގައި ބުނެފައިވާ ގޮތުން އޭސީސީން މިމައްސަލައިގައި ބެލި 57 ރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ލިބެން ޖެހޭއިރު، މިރަށްތައް ދޫކޮށްގެން އެމް.އެމް.ޕީ.އާރު.ސީއަށް ނުވަތަ ދައުލަތައް ލިބިފައިވަނީ 12.5 މިލިއަން ޑޮލަރެވެ.
ތަހްޤީޤު ރިޕޯޓު ޢާންމުކުރުން ވެގެންދިޔައީ ގިނަބަޔަކަށް ސިހުން ލިބިގެންދިޔަކަމަކަށެވެ. ރިޕޯޓް ޢާންމުކުރުމާއެކު ރިޕޯޓުގައިހުރި މަޢުލޫމާތުތަކުގެ އަލީގައި ނޫސްތަކުގެ ފަލަ ސުރުޚީތަކަށް ސިއްސައިގެންދާވަރުގެ ޚިޔާނާތުގެ ޚަބަރުތައް އަރަމުންދިޔައެވެ. އުފެދުނު ބޮޑު ސުވާލަކަށްވީ ދިވެހި ދައުލަތައް ލިބެންޖެހޭ، ދިވެހިރައްޔިތުންގެ އެތައް މިލިޔަން ޑޮލަރެއްގެ ފައިސާގެ މިހާ ޚައްސާސް މައްސަލައެއް ބަލައި ނިންމުމަށްފަހު އެހާގިނަ ދުވަސްތަކެއް ވަންދެން ތަހްޤީޤު ރިޕޯޓް އާންމުންނާ ހަމައަށް ތިލަނުކުރީ ކީއްވެގެން ހެއްޔެވެ؟
ޚުދު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްވެސް ވަނީ ތިން އަހަރުވީއިރު މި ބޮޑު ޚިޔާނާތުގެ ތަހުޤީޤު ރިޕޯޓު ހާމަނުކޮށް އޭސީސީގެ މެމްބަރުން އެ ފޮރުވައިގެން ތިއްބެވީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.
މީގެއިތުރުން 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ތަހުޤިޤު ރިޕޯޓް އޭސީސީން ޢާންމުކުރުމާއެކު އެރިޕޯޓް އެކުލަވާލިއިރު، ބައެއް މަޢުލޫމާތުތައް ސިއްރުކޮށް އަދި ރިޕޯޓް ފުރިހަމަ ނުވާކަމަށްބުނެ އެ ކޮމިޝަންގެ މެންބަރުންނަށް ބޮޑެތި ތުހުމަތުތަކާއި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
އެގޮތުން މިރިޕޯޓްގައި ހުރި ބައެއް މަޢުލޫމާތުތަކާ ގުޅޭގޮތުން ކުރީގެ އޮޑިޓަރ ޖެނަރަލް ނިޔާޒު އިބްރާހިމްވަނީ ގިނަ ކަންތައްތަކަކަށް ތުހުމަތުކުރައްވާފައެވެ. ނިޔާޒް ވިދާޅުވެފައިވަނީ އޭސީސީން ހާމަކުރި ރިޕޯޓުން ހާމަވީ ޚިޔާނާތުގެ ބައިކުޅަބައިކަމަށެވެ.
މި ޚިޔާނާތުގައި އެންމެބޮޑަށް ޝާމިލުވާކަން ހާމަވެފައިވާ އެސްއޯއެފްގެ އެކައުންޓަށް ވަން އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން ލިބުނު ފަރާތްތައް އެރިޕޯޓްގައި ހާމަވެފައިނުވާއިރު، މީގެތެރޭގައި ހިމެނޭ އޭސީސީގެ މެންބަރުންނާ ގުޅުންހުރި ފަރާތްތަކުގެ ނަންތައް ސިއްރުކޮށްފައިވާކަމަށް ނިޔާޒްވަނީ ތުހުމަތުކުރައްވާފައެވެ.
މިކަމާއި ގުޅިގެން ޢާންމުން ބުނާގޮތުގައި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު އިސްވެހުންނަވައި އޭސީސީގެ މެންބަރުންނަށް ނަޖހަމައަގެއްގައި ރެހެންދި ފްލެޓުން އެޕާޓްމަންޓްތައް ހޯދައިދިނުމަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި މަތިޖައްސަވަން ހިންގަވާފައިވާ ޖަރީމާއެކެވެ.
ދައުލާތުގެ އިދާރާތަކާ ކުރިން މިރިޕޯޓު ޙިއްސާކުރިކަމަށް އޭ.ސީ.ސީން ވިދާޅުވަމުންދާއިރު، ކޮރަޕްޝަނާއި ފަސާދައަށް އޮންނާނީ "ޒީރޯ ޓޮލަރެންސް"ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެފައިވާއިރު، އައު ސަރުކާރު ވެރިކަމާ ޙަވާލުވިފަހުން ކޮރަޕްޝަންގެ އެފަދަ ރިޕޯޓެއް ސަރުކާރުގެ އިދާރާއަކާ ޙިއްސާކޮށްފައި ނުވާކަމަށާ، ރިޕޯޓު ފެނިފައިވަނީވެސް ޢާންމުކުރި ހިސާބުންކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.
އޭސީސީން ޢާންމުކުރި ރިޕޯޓުގަ މަނީ ލޯންޑަރިންއަށް އެސްއޯއެފުން ބޭނުންކުރީ ބޮޑު ނެޓްވޯކެއްކަން ހާމަކުރައްވާފައިވާއިރު، އެސް.އޯ.އެފް ކިޔާ ކުންފުންޏަކުން ފައިސާ ޖަމާކުރި 155 މީހުންގެ ލިސްޓުން ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވީ ކޮންބައެއްކަން ސާފުވެފައެއްވެސް ނުވެއެވެ.
މީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގު ކުރަން ފުލުހުން މިހާރުވަނީ ފަށާފައެވެ. ލުތުފީއާ ގުޅޭ މިފަދަ މައްސަލައެއް ބަލަމުން އަންނަ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯފުން ޖަމާކުރި 1 މިލިއަން ޑޮލަރު ދައުލަތަށް ނެގުމުގައި އޭސީސީން އިހުމާލުވި މައްސަލައިގައިވެސް ލުތުފީއާ ކޮމިޝަނުގެ މެމްބަރުންނަށް ވަނީ ފާޑުކިއުން އަމާޒުވެފައެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާގުޅިގެން އޭސީސީން ކުރި ތަޙްޤީޤު ރިޕޯޓު ޢާއްމުކުރުމަށް އެ ކޮމިޝަނުން ނިންމީ ސިޔާސީ ގޮތުން އައި ބަދަލާއި ގުޅިގެންކަމަށް އެ ކޮމިޝަނުން ބުނެފައިވާއިިރު، އެމްއެމްޕީއާރްސީގެ ޚިޔާނާތާގުޅޭ ރިޕޯޓަކީ ޢާއްމުންގެ މަސްލަޙަތާ ވަރަށްބޮޑަށް ގުޅިފައިވާ އެއްޗެއް ކަމަށާއި އެހެންކަމުން ރިޕޯޓު ޢާއްމު ކުރަން އޭސީސީން ނިންމީ އެފަދަ ހުރިހާ ކަމަކަށް ބެލުމަށްފަހު ކަމަށް ކޮމިޝަނުގެ މެންބަރަކު ވިދާޅުވެފައިވުމުން މިރިޕޯޓް އާންމުކުރީ ކޮމިޝަނުން ވަކިމަޤްސަދެއް ހާސިލުކުރުމަށްކަމަށް ޤަބޫލުކުރާ ރައްޔިތުންވެސް މަދެއްނޫނެވެ.
ކަންމިހެން އޮތްއިރު އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުންގެ ނަޒާހަތްތެރިކަމާމެދު ސުވާލުއުފެއްދުމުގެ އިޚްތިޔާރު ދިވެހިރައްޔިތުންނަށް ލިބެއެވެ. ރައްޔިތުންގެ ޓެކްސްފައިސާއިން މިލިޔަނުން ހޭދަކޮށްގެން ރައްޔިތުންގެ މުދަލާއި ފައިސާގެ ޙިމާޔަތުގައި އުފައްދާފައިވާ މުއައްސަސާތަކާއި އެތަންތަނަށް ޢައްޔަންކޮށްފައިވާ މީހުންގެ އިޚްލާސްތެރިކަމާއި ނަޒާހަތްތެރިކަން ނެތުމަކީ އެއްވެސް ހަމަޔަކުން ރައްޔިތުން ބަލައިގަންނާނެކަމެއް ނޫނެވެ.