ޚަބަރު

މެދުއިރުމަތީގެ ހަނގުރާމަ: ޕެސިފިކްގެ ޤައުމުތަކަށް ކާބޯތަކެއްޗާއި ތެލުގެ ދަތިކަން


ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ތެލުގެ %20 އުފުލާ ހުރްމުޒް ކަނޑުއޮޅީގެ ދަތުރުތަކަށް ބުރޫ އަރައި، ޕެސިފިކް ކަނޑުގެ ޖަޒީރާ ޤައުމުތަކަށް ތެލާއި ކާބޯތަކެތި ލިބުން ދަތިވެ، އިންސާނީ އަދި އިޤުތިޞާދީ ކާރިސާއެއް ކުރިމަތިވެއްޖެއެވެ. އެހީދޭ އިދާރާތަކުން ބުނީ، ޕަޕުއާ ނިއު ގިނީގައި ތެލުގެ އަގު %70 އަށް އުފުލުމުގެ ސަބަބުން، ކަނޑުދަތުރުފަތުރަށް ބަރޯސާވާ ރަށްތަކަށް ކާބޯތަކެއްޗާއި ޓީބީ ފަދަ ބަލިތަކަށް ބޭނުންވާ ފުރާނަ ސަލާމަތްކުރަނިވި ބޭސް ފޯރުކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގައެވެ.

އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކުގެ މާހިރެއް ބުނީ، ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ އިޤުތިޞާދީ ކުރިއެރުން 2026 ވަނަ އަހަރު %3.4 އަށް ދަަށަށްދާނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ. ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ގުއޯ ޖާކަން ވިދާޅުވީ، ޕެސިފިކްގެ ޤައުމުތަކުގައި ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެހީތެރިވެދިނުމަށް ބެއިޖިންގްއިން ތައްޔާރަށް އޮތްކަމުގައެވެ. ނަމަވެސް، ކަރީތާސްއާއި ސޭވް ދި ޗިލްޑްރަން ފަދަ އެހީދޭ ޖަމުޢިއްޔާތަކުން ވަނީ، ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން ނިކަމެތި ޢާއިލާތަކަށް ކާބޯތަކެއްޗާއި އަސާސީ ޚިދުމަތްތައް ހޯދުމުގައި ދަތިވެ، ދިރިއުޅުމުގެ ފެންވަރު ދަށަށްދާން ފަށާފައިވާ ކަމުގެ އިންޒާރުދީފައެވެ.

މި ކާރިސާއާ ގުޅިގެން ޕެސިފިކްގެ ކުދި ޤައުމުތަކުން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި، ޓުވާލޫއާއި މާޝަލް އައިލެންޑްސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާއި، ފީޖީގެ ވަޒީރުންގެ މުސާރައިން %20 އުނިކުރުމަށް ނިންމުން ހިމެނެއެވެ. ނިއު ޒިލެންޑުގެ ޚާރިޖީ ވަޒީރު ވިންސްޓަން ޕީޓަރސް، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއާ ބައްދަލުކުރައްވައި ޕެސިފިކްގެ ޤައުމުތަކަށް ތެލުގެ ސަޕްލައި ކަށަވަރުކޮށްދިނުމަށް ފިޔަވަޅުތަކެއް އެޅުމަށް އެދިވަޑައިގެންނެވި ނަމަވެސް، އޮސްޓްރޭލިޔާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް ވިދާޅުވީ އެ ޤައުމުން ފުރަތަމަ އިސްކަންދޭނީ އަމިއްލަ ރިޒާވު ދެމެހެއްޓުމަށް ކަމުގައެވެ.