ޚަބަރު

ޔޫއެފާ ޔޫރޮޕާ ލީގު ގަދަ 16އިން ޗެލްސީއާއި އާސެނަލް ޖާގަހޯދައިފި


ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް އިނގިރޭސިވިލާތުގެ އާސެނަލާއި ޗެލްސީ ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.

ފުރަތަމަ ލެގްގައި ބެލަރޫސްގައި ކުޅުނު މެޗު އެގައުމުގެ ޗެމްޕިއަން ބާޓޭ ބޮރިސޯވް އަތުން ބަލިވެފައިވަނިކޮށް އަމިއްލަ ދަނޑުގައި ރޭ އާސެނަލް ވަނީ އެޓީމު 3-0 އިން ބަލިކޮށްފައެވެ. އަދި، ޗެލްސީ ރޭ ސްވިޑެންގެ އެންމެ ކާމިޔާބު ކްލަބް މަލްމޯއާ ވާދަކޮށް އަމިއްލަ ދަނޑުގައި މޮޅުވީވެސް މި ނަތީޖާއިންނެވެ.

މަލްމޯގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗު ޗެލްސީ ކާމިޔާބުކުރީ 2-1 އިންނެވެ. ރޭގެ މެޗުގައި އާސެނަލުން ވަނީ މެޗު ފެށިގެން ފަސް ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. ފޯވާޑް ޕިއޭ އެމެރިކް އޮބާމިޔަން ނަގައިދިން ހުރަހަކުން މި ގޯލު ވަނީ ބާޓޭގެ ޑިފެންޑަރު ޒަޚާ ވޮލްކޯވް އަތުން ބައިކޮޅަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލްގެ ދެވަނަ ލަނޑު އެޓީމަށް ޖަހައިދިނީ މުސްތާފީއެވެ. އާސެނަލްގެ ތިން ވަނަ ގޯލު މެޗުގެ 60 ވަނަ މިނެޓުގައި ބޮލުން ޖަހައި ވައްދާލީ ޑީފެންޑަރު ޕަޕަސްޓަތޮޕޮލަސްއެވެ. ރޭގެ މޮޅާއެކު ގަދަ 16 އަށް އާސެނަލް ދަތުރުކުރީ 3-1 ގެ އެގްރިގޭޓް ނަތީޖާއިން މޮޅުވެގެންނެވެ.

ރޭ އަމިއްލަ ދަނޑުގައި ޗެލްސީ މޮޅުވިއިރު އެޓީމުގެ ތިން ގޯލުވެސް ފެނުނީ ދެ ވަނަ ހާފުގައެވެ. މެޗުގެ 55 ވަނަ މިނެޓުގައި އެޓީމުގެ އޮލިވޭ ޖިރޫޑް ފުރަތަމަ ގޯލު ޖެހިއިރު ދެ ވަނަ ގޯލު ލިބުނު ހިލޭ ޖެހުމަކުން 74 ވަނަ މިނެޓުގައި ޖެހީ ރޮސް ބާކްލޭއެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ މަލްމޯ ކޮޅަށް ޗެލްސީގެ ތިން ވަނަ ގޯލު 84 ވަނަ މިނެޓުގައި ޖެހީ ޒުވާން ތަރި ކަލުމް ހަޑްސަން އޮޑޯއީއެވެ.

ރޭގެ މޮޅާއެކު ޗެލްސީ ގަދަ 16 އަށް ދަތުރުކުރީ 5-1 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ. މި މޮޅާއެކު އުނދަގޫ ހާލަތެއްގައި އޮތް މައުރީޒިއޯ ސާރީ އަށް ވަނީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައެވެ.