ވިޔަފާރި

"ރޯޔަލް ޖޯޑޭނިއަން"ގެ ދަތުރުތައް މިއަހަރުގެ ފަހުކޮޅު ރާއްޖެއަށް ކުރަނީ


ޖޯޑަންގެ ޤައުމީ އެއަރލައިން "ރޯޔަލް ޖޯޑޭނިއަން"ގެ ޗާޓަރ ދަތުރުތަކެއް މިއަހަރުގެ ފަހުކޮޅު ރާއްޖެއަށް ބޭއްވުމަށް ނިންމައިފިއެވެ.

މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ، މިއަހަރުގެ ސެޕްޓެމްބަރ އަދި އޮކްޓޯބަރ މަހުގެ ތެރޭގައެވެ. މިދަތުރުތައް ކުރާނީ އަންމާންގެ، ކުއީން އެލިއާ އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ ބޮއިން 787- 8 މަރުކާގެ ބޯޓުތަކެކެވެ.

"ރޯޔަލް ޖޯޑޭނިއަންގެ ދަތުރުތައް ފަށާފައިވަނީ، 1963 ވަނަ އަހަރުގެ ތެރޭގައެވެ. މި އެއަރލައިނުން ހަފްތާއެއްގެ މައްޗަށް 500 ދަތުރުކުރާއިރު މިދަތުރުތަކުގައި 43 އެއަރކްރާފްޓް އަންނަނީ ބޭނުންކުރަމުންނެވެ. ރޯޔަލް ޖޯޑޭނިއަން އެއަރލައިންގެ ދަތުރުތައް ދުނިޔޭގެ 43 މަންޒިލަކަށް މިހާރުވެސް އަންނަނީ ކުރަމުންނެވެ.

ޖޯޑަން ހިމެނޭ މެދުއިރުމައްޗަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް މަންޒިލެވެ. މިދިޔަ އަހަރުގެ ތެރޭގައި މެދުއިރުމަތިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، 52،000 ވުރެ އިތުރެވެ.

ކޮންމެ އަހަރެއްގެވެސް ފަތުރުވެރިކަމުގެ ހައި ސީޒަނާއި ދިމާކޮށް ފަތުރުވެރިންގެ ފަރާތުން ރާއްޖެއަށް އޮންނަ ޑިމާންޑު އިތުރުވުމާއި ގުޅިގެން ބައިނަލްއަޤްވަމީ ގިނަ އެއަރލައިންތަކަކުން އަންނަނީ ރާއްޖެއަށް އުދުހުންތައް ބާއްވަމުންނެވެ.