ޚަބަރު

ބަ.ކަމަދޫ ކައުންސިލާއި ރައީސް ބައްދަލުކުރައްވައިފި


ބ.ކަމަދޫ ކައުންސިލަށްވެސް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކަމަދޫ ކައުންސިލްގެ މެންބަރުންނާއި މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި.

ކަމަދޫ ކައުންސިލާއި މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވާ ރައީސް ޞާލިޙު ވަނީ ކަމަދޫ ކައުންސިލުން އެދުނު ކަންކަން ކަމާގުޅުންހުރި މިނިސްޓްރީތަކާއި މަޝްވަރާ ކުރުމަށްފަހު ޙައްލު ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.


ކަމަދޫ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ފާހަގަ ކުރައްވައި ވާހަކަ ދައްކަވަމުން، އެންމެ ބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި ކައުންސިލްގެ މެންބަރުން ފާހަގަ ކުރެއްވި އެއް ކަމަކީ ސާފު ބޯފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމު ގާއިމުވެފައި ނެތުމުން ދިމާވާ ގޮންޖެހުން ތަކުގެ މައްސަލައެވެ. މީގެއިތުރުން ކަމަދޫގައި ކުށް ގިނަވަމުން ދާތީ އެކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލް މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފައި މީގެއިތުރުން ރަށުގައި ރަށްކާތެރިކަމާއެކު ކުނި ނައްތާލެވޭނެ އިންތިޒާމު ވީހާ ވެސް އަވަހަކަށް ހަމަޖައްސަވައިދެއްވުމަށް ކައުންސިލް މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ކަމަދޫ ކައުންސިލުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމާއި، ބަނދަރު އަލުން ހެދުމާއި، ކުޅިވަރު ކުޅޭނެ ދަނޑުތައް ތަރައްޤީކުރުމަށް ބޭނުންވާކަން ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން ވެސް ރަށުގެ އިޖްތިމާޢީ ގޮތުން ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުގެ މަޢުލޫމާތުވެސް މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވައިފައެވެ.

މި ބައްދަލުވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްވެސް ކ.ގާފަރު ކައުންސިލާއި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ވަނީ އިޖުތިމާއީ ރޮނގުންނާއި ތަރައްޤީގެ ރޮނގުން ކައުންސިލުން ކުރެވިދާނެ ކަންކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން، ތައުލީމީ ޖީލުތަކެއް ބިނާކުރުމަށްޓަކައި ސަރުކާރުން ފަހި ކޮށްދެއްވަމުން ގެންދަވާ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ރަށުގެ ރައްޔިތުންނަށް ބާރުއަޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އެދިވަޑައިގެންނެވިއެވެ. އަދި ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ސްކޫލާ ގުޅިގެން މަސައްކަތް ކޮށްދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވަނީ ގާފަރު ކައުންސިލަށް އިލްތިމާސްކުރައްވާފައެވެ.

އެގޮތުން ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރި ވުމަށްޓަކައި ޒިންމާދާރު ކަމާއިއެކު ފިޔަވަޅު އަޅާފައި ބެހެއްޓުމުގެ މުހިންމުކަން މި ބައްދަލުވުމުގައި އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށްޓަކައި ރަނގަޅު އާދަތައް އަށަގެންނެވުމަށް އާންމުން ހޭލުންތެރި ކުރުވުމަށް އިތުރު ހަރަކާތްތައް ރޭވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އެދިވަޑައިގެންނެވިއެވެ.