ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅުގައި ހިމެނިވަޑައިގަންނަވާ މުހިންމު ކަންކަން ހާސިލްކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލްތަކަށް ވޯޓަށް އެހުމަށް އެޖެންޑާކޮށްފިއެވެ.
އަންނަ ހަފްތާގެ ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރުމަށް ވޯޓަށް އެހުމަށް ނިންމާފައިވާ ބައެއް ކަންކަމުގެ ތެރޭގައި ޕެންޝަން ފަންޑުން ހައްޖަށް ދެވޭގޮތަށް ހުށަހަޅަފައިވާ އިޞްލާޙް ހިމެނެއެވެ. މިއީ ސަރުކާރުގެ ސަތޭކަ ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅުއްވި މުހިންމު ކަމެކެވެ.
މީގެ އިތުރުން ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތަކާއި، ނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ދެ ކޮމިޝަނަށް ޤާނޫނީ ބާރު ދިނުމުގެ ބިލަށް ވޯޓަށް އެހުމަށް އެޖެންޑާކޮށްފައިވާއިރު، ބާ އެސޯސިއޭޝަނެއް އުފެއްދުމަށް ހުށަހެޅި ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ބިލުވެސް ފާސްކުރުމަށް ވޯޓަށް އެހުމަށް ވަނީ އެޖެންޑާކޮށްފައެވެ.
މީގެ އިތުރުން ޤައުމީ ޔުނިވާސިޓީއަށް ވައިސް ޗާންސެލަރަކު ޢައްޔަންކުރާނެ ގޮތް އިސްލާޙުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނަށް ކޮމެޓީން ގެނެސްފައިވާ އިޞްލާޙަށް ވޯޓަށް އެހުމާއި ދައުލަތުގެ ވުޒާރާތަކުގެ މެންޑޭޓަށް އައިސްފައިވާ ބަދަލުތަކާއި ގުޅޭ ގޮތުންވެސް ވޯޓަށް އެހުމަށް ވަނީ އެޖެންޑާކޮށްފައެވެ.
މަޖިލީހަށް އަލަށް ތަޢާރަފްކުރާ ބިލްތަކުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލާއި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިއުން އިއްވުމަށްވެސް ވަނީ އެޖެންޑާކޮށްފައެވެ.