ވިޔަފާރި

ޓޫރިޒަމް ތަރައްޤީކުރުމަށް 5 ރަށަކުން ކުއްޔަށް ދޫކޮށްފައިވާ ބިންތައް ތަރައްޤީކުރަން ފަށަނީ


ޓޫރިޒަމް ތަރައްޤީކުރުމަށް 5 ރަށަކުން ކުއްޔަށް ދޫކޮށްފައިވާ ބިންތައް ތަރައްޤީކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށައިފިއެވެ.
މިކަމާއި ބެހޭގޮތުން ޓޫރިޒަމް މިނިސްޓްރީން ބުނީ، ފަތުރުވެރިކަން ތަރައްޤީކުރުމަށް މީހުން ދިރިއުޅޭ ރަށްރަށުން ބީލަމުގެ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން އެކި ސަބަބުތަކާއިހުރެ 2 އަހަރު ދުވަސްވަންދެން މަސައްކަތް ހުއްޓިފައިވާ 5 ރަށެއް ފާހަގަކުރެވިފައިވާކަމަށެވެ.

މި ފަސް ރަށަކީ، ކ ކާށިދޫ، އދ މަންދޫ، ރ ވާދޫ، ހއ އުތީމު އަދި ހއ ވަށަފަރެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ މިކަން ހައްލުކުރުމުގެ ގޮތުން އެ ފަސް ރަށުގެ ކައުންސިލްތަކާއި، ބިންތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކާއިއެކު މިހަފްތާގެ ތެރޭގައި މަޝްވަރާ ބައްދަލުވުންތަކެއްވެސް ކުރިއަށްގެންގޮސްފައެވެ. މި ބައްދަލުވުންތަކުގައި އެ ބިންތައް ތަރައްޤީ ނުކުރެވި ލަސްވުމަށް ދިމާވެފައިވާ ސަބަބުތައް އޮޅުންފިލުވައި އެ މައްސަލަތައް ހައްލުކުރެވިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އަދުގެ ސަރުކާރުގެ އަމާޒަކީ ޓޫރިޒަމް ތަރައްޤީކުރުމަށް ހިންގާ މިފަދަ މަޝްރޫޢުތައް ކަމާއިބެހޭ ހުރިހާ ފަރާތްތައް ގުޅިގެން އަވަހަސް ނިންމައި، މަޝްރޫޢުތަކުން ރައްޔިތުންނަށް އެކަމުގެ މަންފާލިބުން ކަމަށެވެ.