ވިޔަފާރި

ބީއެމްއެލްގެ ބްރާންޗެއް ގައްދޫގައި ހުޅުވައި ސެލްފްސަރވިސް ބޭންކިންގެ ޚިދުމަތް ފަށައިފި


ބޭންކް އޮފް މޯލްޑިވްސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ޚިދުމަތް ފުޅާކުރުމަށް ހިންގާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން މިއަދު ގ.ދ ގައްދޫގައި އާ ބްރާންޗެއް ހުޅުވައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ފަށައިފިއެވެ.

މި ބްރާންޗްގައި ގާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެއެވެ. އަދި ބޭންކިންގ ޚިދުމަތް ދޭ ގަޑިތަކުގައި އެކައުންޓް ހުޅުވުމާއި ލޯނު ދޫކުރުމާއި ކާޑުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މުވައްޒަފުން ހަރަކާތްތެރިވާނެއެވެ.

މި ބްރާންޗްތައް ރަސްމީކޮށް އިފްތިތާހުކުރުމަށް ގައްދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލް ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ، ގައްދޫގައި ޤާއިމްކުރި ބީއެމްއެލްގެ ބްރާންޗް މެދުވެރިކޮށް ލިބިގެންދާނެ ޚިދުމަތްތަކަކީ ގައްދޫއަށް އަންނަމުންދާ ތަރައްޤީއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ޚިދުމަތަކަށް ވާނޭކަމެއްކަމަށެވެ. އަދި މި ބްރާންޗްގެ ސަބަބުން ގައްދޫގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށާއި، ވިޔަފާރިތަކަށް އަދި ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ބޭންކިންގ ޚިދުމަތްތައް ހޯދުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަވެގެންދާނޭކަމަށް އާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްއިން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.