ހޮސްޕިޓަލާއި ސްކޫލު ފަދަ ޚިދުމަތް ދޭ ތަންތަނަށް ގަދަބާރުން ވަދެ، ހަމަ ނުޖެހުން ހިންގުމަކީ ސިޔާސީ ޙަރަކާތް ހިންގުމެއް ނޫން ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އިއްޔެގެ ވަގުތެއްގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އައިޖީއެމްއެޗަށް ގެނައުމާއި އެކު އެ ސަރަޙައްދަށް ޔާމީނަށް ސަޕޯޓު ކުރާ ބައެއް ފަރާތްތަކުން ވަނީ އެއްވެފައެވެ. އަދި ބައެއް ފަރާތްތަކުން އައިޖީއެމްއެޗް ތެރެއަށްވެސް ވަނީ ވަދެފައެވެ.
އެހެންކަމުން ފުލުހުންނަށް ޖެހުނީ ހޮސްޕިޓަލުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ހޮސްޕިޓަލު ތެރޭގައި އުޅުމަށް ދަތިވާނެތީ، ޔާމީންގެ ސަޕޯޓަރުން ހޮސްޕިޓަލުން ބޭރު ކުރާށެވެ. އެ ސަރަޙައްދުން ރައީސް ޔާމީންގެ ސަޕޯޓަރުން ދުރަށް ޖެއްސުމަށް ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ވެސް ޖަހާފައެވެ. އެކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އެ މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްކޫލު ހޮސްޕިޓާއި ފަދަ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމަކީ ސަރުކާރުން އެންމެ އިސްކަން ދޭނެ ކަންތައް ކަމަށެވެ. އިމްރާން ވިދާޅުވީ ޢަމަލު ކުރަން އޮންނަ އުޞޫލުން ބޭރުން އެއްވެސް ކަމެއް ހިނގާފައިވާނަމަ އެކަމެއް ޙައްލު ކުރާނެ ކަމަށެވެ.