ސިޔާސީ

ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާގައި ރޭ ކުރިމިނަލްކޯޓުން އިއްވި ހުކުމްގައި ނަވާރަ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. 

ކުރިމިނަލްކޯޓުގެ ހުކުމްގައި ބުނެފައިވަނީ އިސްގާޒީ އަބްދުﷲ މުހައްމަދު ގަދަކަމުން ފޮރުވާ ގާނޫނީ ނިޒާމުން ގެއްލުވާލުމުގެ ޒިންމާ ނަޝީދު ނަންގަވަން ޖެހޭނެކަމަކީ ދެބަސްވެވެން ނެތްކަމެއްކަން މި މައްސަލާގައި ހުށައެޅިފައިވާ ކަންކަމަށް ބަލާއިރު އެނގެން އޮންނަކަމަށެވެ. އަދި ޝަރީއަތަށް ހުށައަޅަފައިވާ ސީޑީތަކަށް ބަލާއިރު އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުގެ ކަންކަން ހިނގާފައިވަނީ އެނގުމާއި ފެނުމުގެ ތެރެއިން ނަޝީދުގެ އަމުރަކަށްކަން އެނގެން އޮންނަކަމަށްވެސް ކުރިމިނަލްކޯޓްގެ ހުކުމްގައިވެއެވެ.

ބައިނަލް އަގްވާމީ އިދާރާތަކުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުންނާއި ހައިކޯޓާއި ސުޕްރީމްކޯޓުން އިސްގާޒީ ދޫކޮށްލުމަށް ނެރުނު އަމުރުތަކަށް ފާޅުގައި ގޮންޖައްސަވާ ނަޝީދު ވާހަކަފުޅު ދައްކަވައިފައިވާކަން ޝަރީއަތަށް ހުށައެޅިފައިވާ ކަންކަމުން އެނގޭކަމަށްވެސް ކުރިމިނަލްކޯޓްގެ ހުކުމްގައިވެއެވެ. މީގެއިތުރުން ހައިކޯޓާއި ސުޕްރީމްކޯޓުން ނެރުނު އަމުރުތަކަށް ސިފައިން ތަބާނުވީ އޭރުގެ ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދުގެ ކިބައިން އިސްގާޒީ އަބްދުﷲ މުހައްމަދު ދޫކޮށްލުމުގެ ނިޔަތް ނެތުމުންކަން ޝަރީއަތަށް ހުށައެޅިފައިވާ ކަންކަމުން ބަލައި އެގެން އޮންނަކަމަށެވެ. 

ނަޝީދުގެ މައްޗަށް ހުކުމް އިއްވަމުން މީގެކުރިން ނަޝީދުގެ މައްޗަށް ޓެރަރިޒަމްއާއި ވައްކަމުގެ އިތުރުން ޝަރީއަތުގައި ދޮގު ވާހަކަދެއްކުމުގެ ކުށްސާބިތުވެފައިވާކަންވެސް ގާޒީ ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުގެ އިސްމޭސްތިރިޔަކީ ނަޝީދުކަން ހުށައެޅިފައިވާ ހެކިތަކުން އެނގޭކަމަށްވެސް ކުރިމިނަލްކޯޓްގެ ހުކުމްގައިވެއެވެ. 

ރައީސް ނަޝީދު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލާފައިވަނީ މިދިޔަ މަހުގެ ބާވީސްވަނަދުވަހުއެވެ. އަދި ކޯޓަށް ހާޒިރުނުވެ ފިލާފާނެކަމަށް ބަލާ ޝަރީއަތް ކުރިޔަށް ގެންދިޔައީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނެރުނު އަމުރުގެ ދަށުން ދޫނީދޫގައި ބަންދުގައި ބަހައްޓައިގެންނެވެ. 

ނަޝީދު ތޭރަ އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވުމުން މާފުށީ ޖަލުގައި ވަކި ޔުނިޓެއް ގާއިމްކުރެވެންދެން ނަޝީދުގެ މައްޗަށް ކުރި ހުކުމް ތަންފީޒްކުރުމަށް ދޫނިދޫ ޖަލުގައި ބެހެއްޓުމަށް ފުލުހުންނަށް އަންގަވާފައިވާކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވަނީ ވިދާޅުވެފައެވެ.