ޚަބަރު

މަޢުސޫމަކީ ނަޒާޙާތްތެރި ބޭފުޅެއް - ނަޝީދު


އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާއި ގުޅޭގޮތުން އޭސީސީން ނެރުނު ރިޕޯޓުގައި ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން، މަޤާމުން މިހާރު އެކަހެރި ކުރައްވާފައިވާ އެމްޑަބްލިއުއެސްސީގެ ޗެއަރމަން އަހްމަދު މައުސޫމްގެ ޙިއްޞާ އޮންނަ ދެ ކުންފުންޏަކަށް ފައިސާ ޖަމާކޮށްފައިވީ ނަމަވެސް މަޢުސޫމަކީ ނަޒާހާތްތެރި ބޭފުޅެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އޭނާ ދިފާޢު ކުރައްވާ ވާހަކަފުޅު ދައްކަވައިފިއެވެ.

އޭސީސީގެ ރިޕޯޓުގައި މަޢުސޫމުގެ ޙިއްޞާ އޮންނަ ދެ ކުންފުންޏަކަށް 6.1 މިލިއަން ޑޮލަރު (93.5 މިލިއަން ރުފިޔާ) އެސްއޯއެފުން ޖަމާކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި އެކަމާއި ގުޅިގެން ރައީސް އޮފީހުން ވަނީ މަޢުސޫމް ގޭގައި މަޑު ކުރުމަށް އަންގާފައެވެ.

މަޢުސޫމް ދިފާޢު ކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޢުސޫމްގެ ޙިއްސާ ޚިޔާނާތުގެ ފައިސާ ވަދެފައިވާ އެސްއޯއެފުން އެމްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ވަދެފައިވާ ކަމަށް ބުނެފައިވީ ނަމަވެސް މީގެ 20 އަހަރު ކުރިން މައުސޫމް އެ ކުންފުނިން ވަކިވެފައިވާ ކަމަށެވެ.

މަޢުސޫމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަޤާމުގައި ހުންނެވި ބޭފުޅާއެވެ. ނަޝީދު ވިދާޅުވީ "މިހާތަނަށް ފެނުނުތަކުގައި މަޢުސޫމަކީ ވަރަށް ނަޒާހާތްތެރި ބޭފުޅެއް" ކަމަށެވެ.

އޭސީސީގެ ރިޕޯޓުގައި މަޢުސޫމުގެ އިތުރުން މި ސަރުކާރުގެ މިނިސްޓަރުންނަށްވެސް އެސްއޯއެފްއިން ފައިސާ ޖަމާކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ސަރުކާރުން ވަނީ އެބޭފުޅުންވެސް ގޭގައި މަޑު ކުރުމަށް އަންގާފައެވެ.