ޚަބަރު

ޔޫއެސް-އިންޑޯ ޕެސިފިކް ސިޔާސަތުގެ ދަށުން ކުރާނެ ފައިދާތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި


ޔޫއެސް-އިންޑޯ ޕެސިފިކް ސިޔާސަތުގެ ދަށުން ކުރާނެފައިދާތައް ދެނެގަނެ އެމެރިކާއާއި ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތަކެއް ބާއްވައިފިއެވެ.

ޔޫއެސް ޑީޕާޓްމަންޓް އޮފް ސްޓޭޓްގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ އެކްޓިން އެސިސްޓެންޓް ސެކްރެޓަރީ ޓޮމް ވަޖްދާ އާއި ޔޫއެސް ޑީޕާޓްމަންޓް އޮފް ސްޓޭޓްގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވާފައެވެ.

އެބޭފުޅުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއާއި އެމެރިކާގެ ޕްރައިވެޓް ސެކްޓަރ އިންވެސްޓްމެންޓްތައް އިތުރުކުރުމާއި ޢުމްރާނީ ތަރައްޤީއާއި ހަކަތައިގެ ދާއިރާއިންނާއި އިންފޮމޭޝަން ޓެކްނޮލިޖީގެ ދާއިރާއިން ގުޅިގެން އިތުރަށް މަސައްކަތްކުރެވިދާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އެބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދުވަނީ ޔޫއެސް-އިންޑޯ ޕެސިފިކް ސިޔާސަތު ދެމެހެއްޓުމުގައި އެމެރިކާގެ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ އުސޫލުތަކަށް ތަޢުރީފުކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ އަމާޒަކީ ރާއްޖެއަކީ އެކުވެރި ޤައުމުތަކާއި ގުޅިގެން ސަރަޙައްދުގައާއި އަދި މުޅި ދުނިޔޭގައިވެސް ސުލްޙަމަސަލަސްކަން ޤާއިމްކުރަން މަސައްކަތްކުރާ ޤައުމެއް ކަމަށެވެ.

އެމެރިކާއިން ގެންގުޅޭ މިނިވަން އަދި ހުޅުވާލެވިފައިވާ ބައިނަލްއަޤުވާމީ ނިޒާމުގެ ތެރެއިން އެކުގައި މަސައްކަތްކުރުމަށް ރާއްޖެ ތައްޔާރަށް އޮތްކަންވެސް މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގެންދަވަނީ އެޤައުމުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވާ ރާއްޖެއަށް އިތުރު ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ގިނަ މަޝްވަރާތަކެއް ކުރައްވަމުންނެވެ.