ވިޔަފާރި

ކިރުވި މަހަށް ފައިސާ ނުލިބި މަސްވެރިން ދެން ތިބޭކަށް ނުޖެހޭނެ - ރައީސް


މަސް ކިރުވި ފައިސާ ނުލިބުމުގެ ހިތާމައިގައި މަސްވެރިން ދެން ދުވަސްތައް ގުނަންނުޖެހޭނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަސްވެރިޔާ ކާރޑް އަދި ޑިޖިޓަލް ވޮލެޓް އިފްތިތާޙު ކޮށްދެއްވުމަށް ކޫއްޑޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރިޔާސީ ކެމްޕޭންގެ ތެރޭގައި، އެމަނިކުފާނާއި ރާއްޖޭގެ ހީވާގި މަސްވެރިންނާ ދެމެދު، ވަރަށް އެކުވެރި މާޙައުލެއްގައި ވާހަކަ ދެކެވި މަޝްވަރާތައް ކުރެވުނުކަމަށެވެ. މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ، މަސް ކިރުވުމުން ވަގުތުން ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުންކަމަށާއި އަނެއް ޝަކުވާއަކީ، ބޭންކު ނިޒާމުގެ ތެރޭގައި މަސްވެރީން ނުހިމެނޭ މައްސަލަކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ ކްރެޑިޓް ސްކީމްތަކުގަޔާއި ލޯން ސްކީމްތަކުގައި، ފަސޭހައިން ބައިވެރިވެވޭނެ ގޮތެއް ނެތުމަކީ ވެސް، މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށާއި މަސްވެރި ރަށްރަށުގައި ފައިސާ ރައްކާކޮށް ޖަމާކުރެވޭނެ އިންތިޒާމެއް ހަމަޖެހުމަކީވެސް މަސްވެރިންގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ.

ރައީސް ވިދާޅުވީ އެ ޝަކުވާތައް އަޑުއެހުމަށް ފަހު މަސްދޯނި އެކައުންޓް ހުޅުވައިދީ، ބޭންކިން ނިޒާމުގެ ތެރެއަށް ވަދެވޭނެ މަގު މަސްވެރީންނަށް ތަނަވަސްކޮށްދިނުމާ ލޯންތަކާއި ކްރެޑިޓް ސްކީމްތައް މަސްވެރިންނަށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަކީ ސަރުކާރުގެ ވައުދެއްކަމަށް ހެއްދެވިކަމަށެވެ. އަދި މިއަދު އެ ވައުދު ފުދިގެންދާއިރު "މަސްވެރިޔާ ކާޑު އަދި ޑިޖިޓަލް ވޮލެޓް"ގެ ޚިދުމަތާއެކު މަސްވެރިންގެ ވަރަށް ގިނަ ކަންބޮޑުވުންތައް ފިލައިގެންދާނެކަމަށެވެ. އެގޮތުން މަސް ކިރުވި ފައިސާ ނުލިބުމުގެ ހިތާމައިގައި، ދުވަސްތައް ގުނަގުނާ ތިބޭކަށް ނުޖެހޭނެކަމަށާއި ފައިސާ ހޯދުމަށްޓަކައި ދަތުރު ހަދާފައި އެހެން ތަނަކަށް ދާކަށް ދެން ނުޖެހޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

" މަސްވެރިޔާ ކާޑު ގެ ޚިދުމަތް ފެށުމުން، މަސް ކިރުވުމާއެކު، އޮޑިވެރިޔާގެ ނުވަތަ ކެޔޮޅުގެ އެކައުންޓަށް ވަގުތުން ފައިސާ ޖަމާކޮށްދޭނެ. ކެޔޮޅުގެ އެކައުންޓަށް ފައިސާ ޖަމާވުމާއެކު، އެ ކާޑާ އެކުގައިވާ ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން، ދޯނީގެ އެހެން ފަޅުވެރީންގެ އެކައުންޓްތަކަށް ވެސް ވަގުތުން ފައިސާ ޓްރާންސްފާ ކޮށްދެވޭނެ. އެހެންވީމާ، މީގެ ކުރީގައި ކަން ހިނގި ގޮތަށް، މަސް ކިރުވި ފައިސާ ނުލިބުމުގެ ހިތާމައިގައި، ދުވަސްތައް ގުނަގުނާ ތިބޭކަށް ނުޖެހޭނެ. އަދި ފައިސާ ހޯދުމަށްޓަކައި ދަތުރު ހަދާފައި އެހެން ތަނަކަށް ދާކަށްވެސް ނުޖެހޭނެ." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މަސްވެރިންނަށް ކާޑު ބޭނުންކުރަން ފެށުމުން އޮޑިވެރީންނަށް ތެޔޮ ގަތުމާއި އައިސް ގަތުން ފަދަ ކަންކަމަށް، އަތުގައި ނަގުދު ފައިސާ ގެންގުޅެން ނުޖޭހެނެކަމަށެވެ. އަދި މި ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ކުރާ އެއްވެސް މުޢާމަލާތަކަށް، އިތުރު އެއްވެސް ފީއެއް ނުނަގާނެކަމަށާއި ބޭންކުން ކުރިން ނަގާފައި އޮތް ލޯނަކަށް ފައިސާ ދައްކާ ނުނިމި އޮތްނަމަވެސް މަސްވެރިޔާ އެކައުންޓަށް ޖަމާވާ ފައިސާއިން އެ ލޯނަކަށް ނުކަނޑާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ޢާންމު އުޞޫލަށް ބަލާއިރު، ބޭންކުތަކުން ލޯނު ދޫކޮށް އުޅެނީ، އެމީހެއްގެ މާލީ ފުދުންތެރިކަމާއި ޤާބިލްކަމަށް ބަލައިފަ. މަސްވެރީން މި ކާޑު ބޭނުންކުރަން ފެށުމުން، މަސްވެރިންގެ އާމްދަނީގެ ޙާލަތު ބޭންކަށް އެނގެމުން ދާނެ. އޭރުން، އޮޑިވެރީންނާއި މަސްވެރީންނަށް ބޭންކުން ލޯނު ލިބުން ފަދަ ކަންތައް ފަސޭހަވާނެ" އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވަނީ މަސްވެރީންނަށް ޚިދުމަތް ދޭ ކުންފުނިތަކަށްވެސް މި ހިދުމަތް ބޭނުންކުރުމަށް ގޮވާލައްވާފައެވެ. އަދި ކުންފުނިތަކުންވެސް މަސްވެރިޔާ ކާޑު ބޭނުންކުރަން ފަށާ އެ ނިޒާމުގެ ތެރޭގައި ބައިވެރިވެ، މަސްވެރިން ކިރުވާ މަހަށް، ވަގުތުން ފައިސާ ދޭން ފެށުމަށް ރައީސްވަނީ އިލްތިމާސްކުރައްވާފައެވެ.