ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޑޮކްޓަރަށް ދެއްކުމަށް މިއަދު މާލެ ގެނެއުމުން އެޑްމިޓްކޮށްފިއެވެ.
ޑޮކްޓަރަށް ދެއްކުމަށްޓަކައި ޔާމީން މާލެ ގެނައީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ޔާމީން ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނައީ ކޮން ކަމަކާއި ގުޅިގެން ކަމެއް ކަރެކްޝަނަލް ސަރވިސްއަކުން ނުބުނެއެވެ. އައިޖީއެމްއެޗްގެ މީޑިއާ ކޯރޑިނޭޓަރ މުޙައްމަދު މުފީދު ޕީއެސްއެމް ނިއުސްއަށް މިރޭ ވިދާޅުވީ ޔާމީން އެޑްމިޓްކޮށްފައި އޮތީ 24 ގަޑިއިރުގެ އޮބްޒަރވޭޝަނަކަށް ކަމަށެވެ. އެނގިފައިވާ ގޮތުގައި ޔާމީން އެޑްމިޓު ކޮށްފައިވަނީ ހިތުގެ މައްސަލައަކާއި ގުޅިގެންނެވެ.
ޔާމީން ޑޮކްޓަރަށް ދެއްކެވުމަށް އައިޖީއެމްއެޗަށް ގެނައި ވަގުތު އެމަނިކުފާނަށް ސަޕޯޓު ކުރައްވާ ބައެއް ފަރާތްތަކުން ވަނީ އެ ސަރަޙައްދަށް އެއްވެފައެވެ. ޕީޕީއެމްގެ ޕީޖީ ލީޑަރ އަޙްމަދު ނިހާން ހުޞައިން މަނިކު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ގެންނެވީ "ރޫޓިންގ ޗެކަޕަކަށް" ކަމަށެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލްކޯޓުން ވަނީ އަމުރުކުކޮށްފައެވެ. މި އަމުރާއި އެކު ޔާމީންވަނީ މަފުށީ ޖަލަށް ބަދަލުކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ހިނާޔާތުގެ ފައިސާ ނަގާ އެފައިސާތައް އެކި ފަރާތްތަކަށް ޖަމާކޮށްދެމުންދިޔަ އެސްއޯއެފްއިން ވަނީ ޔާމީންގެ އެކައުންޓަށްވެސް އެ މިލިއަން ޑޮލަރު ޖަމާކޮށްފައެވެ. އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަމަށް އޭސީސީން އެންގުމުން ޔާމީންވަނީ އެ ފައިސާ ދެއްވުމަށް އިންކާރުކުރައްވާ އޭސީސީއާއި އެކު އެސްކްރޯ އެކުންޓެއް ހުޅުވާފައެވެ. އަދި އެކައުންޓަށް ޔާމީން ޖަމާކުރެއްވީ އެ ފައިސާ ނޫންކަމަށް އެމަނިކުފާނުވެސް ވަނީ އިއުތިރާފުވެޑައިގެންފައެވެ.
ފުލުހުން އެ މައްސަލަ ތަހުޤީގުކުރުމަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ ބޭނުންކޮށްގެން ވަނީ މަނީ ލޯންޑަރިންގެ އަމަލު ހިންގަވާފައިވާކަމަށެވެ. އަދި ކެމްޕައިން ދުވަސްވަރު ޔާމީންގެ އެކައުންޓަށް 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.