ޚަބަރު

އެފްއައިޔޫގެ ކުރީގެ ހެޑް އާތިފް މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރަނީ


އެމްއެމްޕީއާރްސީ ޚިޔާނާތުގެ ގުޅިގެން ހިންގާފައިވާ ފައިސާގެ މުއާމަތާތުތަކާއި ބެހޭ މައުލޫމާތު ހޯދުމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ކުރީގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓްގެ ހެޑް އާތިފް ޝަކޫރާއި މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

އާތިފް ޝަކޫރަށް މަޖލީހުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އޭސީސީން ނެރުނު އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅޭ ރިޕޯޓުގައި ބުނެފައިވާ ކަންކަން ހިނގާފައިވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އިސްވެރިޔާގެ މަޤާމުގައި އާތިފް ހުންނެވި ދުވަސްވަރު ކަމަށްވާތީ އާތިފާއި ބައްދަލު ކުރެއްވުމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބޭފުޅުން ބޭނުންފުޅުވާކަމަށެވެ. އަދި މިމަހުގެ 26 ވަނަދުވަހު މަޖިލީހަށް ހާޒިރުވުމަށްވެސް ވަނީ އެދިފައެވެ.

މަޖިލީހުގެ ސިޓީއާއި އެކު އާތިފް ޝަކޫރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވައިފައިވަނީ އެފްއައިޔޫގެ ހެޑްގެ ގޮތުގައި މަސައްކަތްކުރި 7 މަސްދުވަހުގެ ތޭރޭގައި އޭނަ މަސައްކަތްކުރި ގޮތް ހާމަކޮށްދޭން ފުރުސަތަކަށް ބޭނުންވެފައި ހުންނެވިކަމަށެވެ. އަދި ކޮމެޓީގައި ޒިންމާދާރުކަމާއި ތެދުވެރިކަމާއި އެކު ޖަވާބުދެއްވާނެކަމަށްވެސް އާތިފްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެމްއެޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލާ އެސީސީން ދާދީފަހުން އާއްމުކުރި ރިޕޯޓްގައި ބުނެފައިވަނީ އެމްއެމްޕީއާރސީއަށް ލިބެންޖެހޭ އެތައް މިލިއަން ޑޮލަރު އެހެން ކުންފުނިތަކަށް ޖަމާކުރި މައްސަލަ އެމްއެމްއޭގެ އެފްއައިޔޫގެ އިސްވެރިއަކަށް ހުންނެވި އާތިފް ޝަކޫރު އެ މައްސަލަ ބައްލަވާ އެކަން އޭރުގެ ގަވަރނަރ އަޒީމާ އާދަމަށް ރިޕޯޓްކޮށްފައިވާކަމަށެވެ. ނަމަވެސް އެކަން ތަޙްޤީގު ކުރުމަށް ފުލުހުންނަށް ހުށަހަޅަން އަޒީމާ އިންކާރު ކުރެއްވިކަމަށާއި އޭގެ ބަދަލުގައި އަޒީމާ ނެންގެވީ އެ ޔުނިޓުގައި މުވައްޒަފުން މަދު މައްސަލަކަމަށް އޭސީސީގެ ރިޕޯޓްގައިވެއެވެ. އަޒީމާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއްވުން އެފްއައިޔޫގެ ހެޑްކަމުން އިބްރާހިމް އާތިފް ޝުކޫރު ވަނީ އިސްތިއުފާދެއްވާފައެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް ހުއްޓުވުމަށް އެމްއެމްއޭއިން އިހުމާލުވެފައިވާ މައްސަލައިގައި އެ ތަނުގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވަން އޭސީސީން ވަނީ ނިންމާފައެވެ.

އޭސީސީގެ ރިޕޯޓުގައި 57 ރަށެއްގެ މައްސަލަ ބަލާފައިވާ ކަމަށް ވަނީ ބުނެފައެވެ. އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާ އެމް.އެމް.ޕީ.އާރ.ސީގެ އެކައުންޓްތަކަށް ޖަމާނުކޮށް ޗެކް އެންޑޯސްކޮށްގެން އެކިއެކި އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން ރަށްތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު 77.45 މިލިއަން ޑޮލަރު ދައުލަތަށް ނުވެދެ އެ ފައިސާ ޖަމާކޮށްފައިވަނީ އެސްއޯއެފްގެ އެކައުންޓްތަކެށެވެ.