ޚަބަރު

ވީބީ ޙަސަންގެ ކެންޑިޑެސީ ފޯމް ބަލައިނުގަތް މައްސަލަ މަޑު ޖައްސާލުމަށް އަމުރުކޮށްފި


މިއަހަރު އޮންނަ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ނިންމާފައިވާ ވީބީ ބްރަދަރސްގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުން އިލެކްޝަންސްގެ ކޮމިޝަނުގެ މައްޗަށް މިގޮތަށް އަމުރުކޮށްފައި މިވަނީ ޙަސަން ޝިޔާމްގެ ފަރާތުން އެ ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާތީއެވެ. ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ޙަސަން ޝިޔާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބަލައި ނިމެންދެން އޭނާގެ ކެންޑިޑެސީ ފޯމް ބަލައިނުގަތުމަށް އީސީން ނިންމި ނިންމުމަށް ޢަމަލު ނުކުރުމަށް އަމުރު ކުރާ ކަމަށެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުން މަޖިލީހަށް ވާދަކުރުމަށް ނިންމާފައިވާ ޙަސަން ޝިޔާމްގެ ކެންޑިޑެސީ ފޯމް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އޭނާގެ ސާބިތު ދަރަންޏެއް އޮވެމެ، ޙުކުމާއި އެއްގޮތަށް އެ ފައިސާ ނުދައްކާ ކަމަށްބުނެއެވެ.