ކުޅިވަރު

އޮލިމްޕިކް ކޮމިޓީއިން ކުޅިވަރު އެސޯސިއޭޝަންތަކަށް ހާއްސަކޮށް ސެމިނަރ އެއް ބާއްވައިފި


2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސް ކުރިއަށް ދިޔަ ގޮތާއި ގޭމްސްއިން ފާހަގަކުރެވުނު މައްސަލަތައް ހާމަކޮށް ގޭމްސްގެ ޝެފް
ޑިމިޝަންގެ ރިޕޯޓް ހުޅަހެޅުމަށް ކުޅިވަރު އެސޯސިއޭޝަންތަކާއެކު ސެމިނަރ އެއް ބާއްވައިފިއެވެ.

މިދިޔައަހަރުގެ އޭޝިއަން ގޭމްސްގެ ރިޕޯޓް އެކުލަވާލާ އެސޯސިއޭޝަންތަކާ ހިއްސާކޮށްދެއްވާފައިވަނީ ގޭމްސްގެ ޝެފް ޑިމިޝަން އިބްރާހިމް ނާހިދެވެ.
މި ސެމިނަރ ބާއްވާފައިވަނީ ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއަށް އެސޯސިއޭޝަންތަކުން ތައްޔާރުވާއިރު، އެންމެ ރަނގަޅު ނަތީޖާއެއް ރާއްޖެއަށް ހާސިލްކުރުމަށް ސަމާލުކަންދިނުން އެދެވޭ ކަންކަމަށް އަލިއަޅުވާލައެވެ.

ސެމިނަރގައި ޝެފް ޑިމިޝަންވަނީ ވޭތުވެދިޔަ އަހަރުގެ އޭޝިއަން ގޭމްސްގެ ތަޖުރިބާއާއެކު ކުރި ދިރާސާ އެސޯސިއޭޝަންތަކާ ހިއްސާކޮށްފައެވެ.
މި ދިރާސާ ރިޕޯޓްގައި ރާއްޖޭގެ ކުޅިވަރު އިތުރަށް ކުރިއެރުވުމަށާއި އެސޯސިއޭޝަންތައް އިތުރަށް ހަރުދަނާކޮށް، ކުޅުންތެރިންނާއި އެތްލީޓުންނަށް އެންމެ ފުރިހަމަ ޕާފޯމަންސެއް ދެއްކުމަށް މަގުފަހި ކޮށްދިނުމުގައި އެސޯސިއޭޝަންތަކުގެ ދައުރަށް އަލިއަޅުވާލައިފައި ވެއެވެ. އޭގެތެރޭގައި ކުރު މުއްދަތެއްގެ ތެރޭގައި އެޅިދާނެ ފިޔަވަޅުތަކާއި، ދިގު މުއްދަތެއްގައި ހަރުދަނާކުރެވިދާނެ ކަންކަންވެސް މި ރިޕޯޓްގައިވަނީ ހިމަނާފައެވެ.

ސެމިނަރ ގައި އެސޯސިއޭޝަންތަކުން ހާޒިރުވެތިއްބެވި ބޭފުޅުން އެތްލީޓުންނާއި ކުޅުންތެރިން މުބާރާތްތަކަށް ތައްޔާރުކުރުމަށް ދިމާވާ ގޮންޖެހުންތަކާއި މައްސަލަތައްވެސްވަނީ ހިއްސާކޮށްފައެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އޭޝިއަން ގޭމްސްއަށްފަހު، އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއަށް ތައްޔާރުވާ އެސޯސިއޭޝަންތަކާ ވަކި ވަކިންވެސް ބައްދަލުކޮށް މިފަދަ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.