ޚަބަރު

އެމްޑަބްލިއުއެސްސީގެ ޗެއަރމަން މައުސޫމްވެސް ގޭގައި މަޑުކުރަން އަންގައިފި


އެމްޑަބްލިޔުއެސްސީގެ ޗެއަރމަން އަޙްމަދު މައުސޫމްގެ ގޭގައި މަޑުކުރަން އަންގައިވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މާލީކަންވެސް ކުރިން ކުރައްވާފައިވާ މައުސޫމްގޭގައި މަޑުކުރަން އަންގާފައިވަނީ އެމްއެޕީއާރުސީގެ ހިޔާނާތުގައި އެންމެ ބޮޑު ދައުރެއް އަދާކުރި އެސްއޯއެފްގެ އެކައުންޓުން މައުސޫމްގެ ޙިއްސާ އޮންނަ ދެ ކުންފުންޏަކަށް 6.1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލަގައެވެ.

އެސީސީން މިމަހުގެ 12 ވަނަ ދުވަހު ނެރުނު އެމްއެމްޕީއާރސީގެ ރިޕޯޓް ގައި ހިމެނޭ ކަންކަމުގެ ތަހުޤީގު ނިމެންދެން އެ ރިޕޯޓްގައިވާ ފަރާތްތަކުގެ ތެރެއިން ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ސަރުކާރުން ގެންދަވަނީ ފިޔަވަޅު އަޅުއްވަމުންނެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޙިޔާނާތުން ދައުލަތަށް ލިބެންޖެހޭ 1.4 ބިލިއަން ރުފިޔާ ޖަމާކުރި އެސްއޯފްގެ އެކުންޓްތަކުން އެފައިސާ ޖަމާކޮށްފައިވާ ފަރާތަކާއި ކުންފުނިތަކުގެ މައުލޫމާތު އެސީސީގެ ރިޕޯޓްގައި ވަނީ ހިމަނާފައެވެ. މި ރިޕޯޓްގައިވާ ގޮތުން މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏެއްކަމަށްވާ ސީޓީޖީއާއި އެމްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެސްއޯއެފުން ވަނީ 93.5 މިލިއަން ރުފިޔާ ޖަމާކޮށްފައެވެ.

އެމްއެޕީއާރުސީގެ ރިޕޯޓާއި ގުޅިގެން ދައުލަތުގެ އިސް މަޤާމުތަކެއްގައި ތިއްބެވި އެހެން ބައެއް ބޭފުޅުންވެސް ވަނީ ގޭގައި މަޑުކުރައްވަން އަންގަވާފައެވެ. އޭގެތެރޭގައި ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ހިމެނިވަޑައިގަންނަވައެވެ. މީ ފަހުގެ ތާރީހެއްގައި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރެއްގެ މައްޗަށް ކޮރަޕްޝަން ތުހުމަތުތަކެއް ކުރެއްވުމުން ގޭގައި މަޑުކުރައްވަން އެންގެވި ފުރަތަމަ ފަހަރުއެވެ.

އެސީސީގެ ރިޕޯޓްގައިވާ ގޮތުން އެމްއެމްޕީއާރސީން މެދުވެރިކޮށް ދައުލަތަށް ވަންނަންޖެހޭ 1.4 ބިލިއަން ރުފިޔާވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި ގާތްގުޅުންތައް އޮންނަ ކުންފުނިތަކަށް ޖަމާކޮށްފައެވެ. އޭގެތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ޖަމާކުރި އެސްއޯއެފްގެ އެކުއުންޓުންވަނީ އެ ފައިސާ ބައެއް ކުންފުނިތާކާއި މަޖިލިސް މެމްބަރުންނާ ވިޔަފާރުވެރިންގެ އެކުންޓްތަކަށް ޖަމާކޮށްފައެވެ.

މި ސަރުކާރުން ގެންގުޅޭނީ ޒީރޯ ޓޮލެރަންސްކަން ހާމަކުރައްވާ ދާދި ފަހުން ފެށި ކެމްޕައިން ފައްޓަވާދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ "ޒީރޯ ޓޮލެރަންސް ޓު ކޮރަޕްޝަން" ކެމްޕޭނަކީ، ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އެއްވެސް ފަންތިއެއްގައި، ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ ކިތަންމެ ކުޑަ މިންވަރެއް ވިޔަސް، ތަހައްމަލްނުކުރާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ނުވަތަ ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ނަމަވެސް ނާޖާއިޒު ކަމެއް ހިނގާކަމަށް ޝައްކުވިޔަސް، އެކަމެއް އެމަނިކުފާނުގެ ސަމާލުކަމަށް ގެންނެވުމަށްވެސް ދިވެހި ރައްޔިތުންނަށް ވަނީ ގޮވާލައްވާފައެވެ. އަދި އެ ފަދަ މައްސަލަތައް ރައީސަށް ހުށައެޅުމަށް ހާއްސަ ޕޯޓަލެއްވެސް ސަރުކާރުންވަނީ ޤާއިމުކުރައްވާފައެވެ.