ޚަބަރު

ތަމްރީންވި ރެފްރީން އަދި ކޯޗުންގެ ގާބިލުކަން އެބަހުރި : ފުޖިމާ


އޭޝިއަން ޕޮކެޓް ބިލިއާޑް ޔޫނިއަންގެ ލައިސަންސް ހޯދި ރާއްޖޭގެ ރެފްރީން އަދި ކޯޗުންނަކީ ގާބިލުބައެއްގެ ގޮތުގައި ކަޒުއޯ ފުޖިމާ ސިފަކޮށްފިއެވެ.

ޕޮކެޓް ބިލިއާޑްގެ ބައްޕަގެ ގޮތުގައި ޖަޕާނަށް މަޝްހޫރުވެފައިވާ ފުޖިމާ މިހެން ބުނީ އޭނާގެ އިރުޝާދުގެ ދަށުން ނިންމާލި އޭޕީބީޔޫ ލެވެލް ސީގެ ކޯސް ނިންމާލުމުގެ ރަސްމިއްޔާތަށްފަހުއެވެ.

ކޯހުގެ ކިޔަވައިދިން އޭޕީބީޔޫގެ ސްޕޯޓްސް ޑިރެކްޓަރ ބުނީ ރަނގަޅު ކޯޗުންނާއި ރެފްރީން ތިބުމަކީ ރާއްޖޭގެ ބިލިއާޑް ކުރިއެރުވުމަށްޓަކައި މުހިންމުކަމެއް ކަމަށެވެ. އަދި ކޯހުގެ ބައިވެރިން ފާހަގަވީ ހިތްހެޔޮ ރަހުމަތްތެރި ބައެއްގެ ގޮތުގައި ކަމަށާއި، އެއީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށެވެ.
އަދި މި ބައިވެރިން ކުރިމަގުގައި ކުޅަދާނަ ކޯޗުންނަށާއި ރެފްރީންނަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށާއި އެ ގާބިލުކަން އެމީހުންގެ ކިބައިގައި އެބަހުރި ކަމަށްވެސް ޤަތަރު ބިލިއާޑް ޓީމްގެ ކުރީގެ ކޯޗު ފުޖިމާ ބުންޏެވެ.

"އުންމީދުކުރަން މި ހުރިހާ ރެފްރީންނާ ކޯޗުންވެސް އަވަސް މުސްތަގުބަލެއްގަ ކުޅަދާނަ ކޯޗުންނަށާއި ރެފްރީންނަށް ވާނެ ކަމަށް، ރާއްޖޭގެ ބިލިއާޑް ކުރިއެރުވުމަށްޓަކައި. (ކޯހުގައި) އެމީހުންގެ ބެސްޓް އެމީހުން ދިން، އުންމީދުކުރަން ކުރިއަށް އޮތްތާގަ މޮޅު ރަނގަޅު މީހުންނަށް ވާނެކަމަށް. އެ ގާބިލުކަން އެބަހުރި." ގަތަރު ބިލިއާޑް ފެޑެރޭޝަންގެ ކުރީގެ ޓެކްނިކަލް އެޑްވައިޒަރ އަދި ޑަބްލިޔު.ޕީ.އޭ ގެ ބޯޑްމެމްބަރުކަންވެސް ކުރި ފުޖިމާ ބުންޏެވެ.

އުމުރުން 90 އަހަރުގެ ފުޖިމާ އަންނަނީ ރާއްޖޭގެ އިތުރުން އޭޝިޔާގެ ސަރަހައްދުގެ ގިނަ ގައުމުތަކުގައި ބިލިއާޑް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ބިލިއާޑަށް ގިނަ ހިދުމަތްތަކެއް ކޮށްދެމުންނެވެ.