ޚަބަރު

އީގަލްސް މަޝްހޫރުވީ ޒުވާން ކުޅުންތެރިން އުފައްދާ ޓީމެއްގެ ގޮތުގައި - ސައީދު


ކްލަބް އީގަލްސް ޒުވާން ކުޅުންތެރިން އުފައްދާ ޓީމެއްގެ ގޮތުގައި މަޝްހޫރުވީ، މިދިޔަ ފަސް އަހަރު ކުރެވުނު ބުރަ މަސައްކަތުންކަމަށް ކްލަބް އީގަލްސްގެ ޔޫތް ޓީމްގެ އެސިސްޓަންޓް ކޯޗު އިބްރާހިމް ސައީދު ބުނެފިއެވެ.

މިއަހަރުގެ ޔޫތް ޗެމްޕިއަންޝިޕްގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން އީގަލްސް އަށް ހޯދާއިދިނުމަށްފަހު މީޑިއާތަކާއި ވާހަކަ ދައްކަމުން ސައީދު ބުނީ، އީގަލްސް އަކީ ހަމަތިބެފައި ޒުވާން ކުޅުންތެރިތަކެއް އީގަލްސްގެ ސީނިއަރ ޓީމަށް ފޮނުވާ ބަޔެއް ނޫންކަމަށެވެ.

އަދި މި ސްޓޭޖަކީ ޒުވާން ކުޅުންތެރިން ޓެސްޓްކޮށްލަން ލިބޭނެ އެންމެ ރަނގަޅު ފުރުސަތުކަމަށްވެސް އޭނާ ބުންޏެވެ. ސައީދު ބުނީ، ވޭތިވިދިޔަތަނުގައި އީގަލްސް ޔޫތް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ހުރި ކޯޗެއްގެ ދަށުން މަސައްކަތްކޮށް މިއަދު އަމިއްލައަށް އިސްނަގައިގެން ޓީމަށް ތައްޓެއް ނަގައިދެވުނީތީ ވަރަށް ހިތްހަމަޖެހޭކަމަށެވެ. އަދި ޓީމުގެ މެނޭޖްމަންޓުން އޭނާއަށް އިތުބާރުކޮށް ޓީމު ހަވާލުކުރީތީ ޝުކުރުއަދާކުރާކަމަށްވެސް ސައީދު ބުންޏެވެ.

"ވަރަށް ހިތްހަމަޖެހިފައި މިހުރީ، ވަރަށް ބޮޑު ކާމިޔާބެއް ކުޅުންތެރިން މި ހޯދީ މުބާރާތައް ތައްޔާރުވާން ފެށި ދުވަހުން ފެށިގެން. ދެން އީގަލްސް އަކީ އަބަދުވެސް ޒުވާން ކުޅުންތެރިންނަށް އިސްކަންދޭ ޓީމެއް. އެކުދިންގެ ފެންވަރު ޓެސްޓްކޮށްލެވޭނެ ސްޓޭޖަކީ މިއީ. އަޅުގަނޑުމެންނަކީ ހަމަތިބެފައި ޒުވާން ކުޅުންތެރިން ސީނިއަރ ޓީމަށް ފޮނުވާ ބައެއް ނޫން." އީގަލްސްގެ އެސިސްޓަންޓް ކޯޗު އިބްރާހިމް ސައީދު ބުންޏެވެ.

މީގެ ކުރިން އީގަލްސްއިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2014 ،2016 އަދި 2017 ވަނަ އަހަރެވެ. އީގަލްސްއިން މިފަހަރު މުބާރާތް ކާމިޔާބުކޮށްފައިވަނީ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް ރެކޯޑަކާއެކުއެވެ.

އަދި މި މުބާރާތް 21 އަހަރުން ދަށަށް ބޭއްވި ހަތަރު ފަހަރުވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކްލަބް އީގަލްސްއެވެ. ނަމަވެސް 19 އަހަރުން ދަށަށް ޙާއްސަކޮށްގެން މިދިޔައަހަރު ބޭއްވި ޔޫތް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ފައިނަލުގައި އީގަލްސް ބަލިކޮށް ކްލަބް ގްރީން ސްޓްރީޓްސްއެވެ.