ޚަބަރު

ރާއްޖެއާއި ޔޫއޭއީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި


ދިފާޢީ ދާއިރާއިންނާއި، ކައުންޓަރ ޓެރަރިޒަމާއި، ހައްދުފަހަނައެޅުން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއާއި ޔޫއޭއީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ. އަދި ޔޫއޭއީގެ ފަރާތުން ސޮއިކުރެއްވީ އެ ސެންޓަރުގެ ޗެއަރމަން މަސްޢޫދު ކުރޫސީއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ، ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ، އޫއޭއީގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޗެއަރމަންގެ އިތުރުން އެޤައުމުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް މުޙައްމަދު ބިން އަޙްމަދު އަލް ބަވަރާދީ އާއިވެސް ބައްދަލުކުރައްވާ ދިފާޢީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ގުޅެގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ސުލްހަ މަސަލަސްކަން ޤާއިމްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ މަޝްވަރާކުރައްވާފައިވެއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅަކީ، އެޤައުމުގެ ނާއިބު ރައީސް ޝެއިޚް މުޙައްމަދު ބިން ރާޝިދް އަލް މަޚްތޫމްގެ ޚާއްޞަ ދަޢުވަތަކަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއްގައެވެ. އެކަމަނާގެ މި ދަތުރުފުޅުގައި މިމަހުގެ 16އިން 21އަށް އަބޫދާބީގައި ކުރިއަށްދާ އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.