ޚަބަރު

ނިއުގެ ސަސްޕެންޝަން ބަލައެއް ނުގަނެވޭނެ - މިނިސްޓަރ އަލީ ވަހީދު


އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމަށް ކުލަބުތަކުން ބުނާނަމަ އިތުބާރު ނެތްކަމުގެ ވޯޓަށް ފުރުސަތު ލިބެން ޖެހޭނެކަމަށް ޤަބޫލުކުރައްވާކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ވަގުތީ ގޮތުން ޔޫތް މިނިސްޓްރީއާއި ހަވާލްވެލެއްވުމަށްފަހު ޔޫތް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެންމެ ބޮޑަށް މިހާރު އިސްކަމެއްދެވިފައިވަނީ ކުޅިވަރުގެ ތެރޭގައި ހުރި އެކި އެކި މައްސަލަތައް ހައްލުކުރައްވަންކަމަށެވެ. މިގޮތުން އެފްއޭއެމާއި ކުލަބުތަކާއި ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއި ގުޅޭގޮތުން ހުރިހާ ފަރާތްތަކާއިއެކު މިއަދު މަޝްވަރާކުރެއްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ކުލަބުތަކުގެ ޗެލެންޖެއް އެފްއޭއެމްގެ ލީޑަޝިޕަށް އެބައޮތްކަމަށާއި، އެކަމާއި ކެރިގެން ކުރިމަތިލުމަށް އެފްއެމްގައި އެދިފައިވާނެކަމަށެވެ. އަދި ކުލަބުތަކުން މިކުރާ މަސައްކަތާއި ގުޅިގެން އެފްއޭމުން ކުލަބުތައް ނުވަތަ ކުލަބެއް ސަސްޕެންޑްކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ހިތްހަމަނުޖެހޭ، ޚީޔާލުތަފާތުވާ ކުލަބުތައް ކުރަން އުޅޭކަމަކުން ނުވަތަ ފާޅުކުރާ ޚިޔާލަކުން އެކުލަބުތަކަށް ނިކަމެތިމަކެއް ލިބިގެން ނުވާނެކަމަށް. އެގޮތަށް އެކަން ވަނީނަމަ އެކަމާއި ދެކޮޅަށް މިނިސްޓްރީން ނިކުންނާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިނިސްޓްރީއަކުން އެއްވެސް ކުޅިވަރު އެސޯސިއޭޝަނެއްގެ މިކަހަލަ ކަމެއްގެ ތެރެއަށް ނުވަންނާނެކަމަށާއި، އަމިއްލައަށް މަޝްވަރާކޮށްގެން ހައްލުނުކުރެވި، ފީފާގެ ސްޓެޓިއުޓްސްއާއި ރާއްޖޭގެ ޤާނޫނާއި ގަވާއިދާއި އެއްގޮތަށް ކަމެއް ހިނގާނަމަ އެކަމައް ހައްލެއް ހޯދައިދިނުމަކީ ކުރައްވާނެކަމެއްކަމަށެވެ.

"ނިއުރޭޑިއަންޓް އަދި އެހެން ކުލަބަކަށް އެއްވެސް ގެއްލުމެއް އަދި ނިކަމެތިކަމެއް އަންނާކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން، އެގޮތަށް ކުލަބެއް ދިފާއުކުރުމަކީ ނުފޫޒުފޯރުވުންކަމަށްވެސް އަޅުގަނޑު ގަބޫލެއް ނުކުރަން. އިތުބާރު އޮތިއްޔާ މިހާރު ތިއްބެވި މީހުންވެސް ތިބޭނި، ނެތިއްޔާ ނޯންނާނެ. ކުލަބުތަކުގެ އިތުބާރު ހޯއްދަވައިގެން ހުންނެވީމަ މިކަން ހައްލުވީ. "

ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފު އެފްއޭއެމްގެ ލީޑަރޝިޕް ބަދަލުކުރަން ނުފޫޒު ފޯރުވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އަލީ ވަހީދު ވިދާޅުވީ މިނިސްޓަރ މަހުލޫފަކީ ވަރަށް ގާބިލް މިނިސްޓަރެއްކަމަށާއި، މިކަހަލަ ކަމެއްގައި ނުފޫޒު ފޯރުވާނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ.

ޔޫތް މިނިސްޓްރީން ކުރިއަށް އޮތްތާނގައިވެސް އެއްވެސް ކުޅިވަރު އެސޯސިއޭޝަންތަކަށް މިނިވަންކަމާއިއެކު ކުލަބުތަކާއި ކުޅުންތެރިންނާއި އަދި ކަމާއި ގުޅުން ހުރި ފަރާތްތަކާއި މަޝްވަރާކޮށްގެން ކުރިއަށްދިޔުމުގެ ފުރިހަމަ އިޚުތިޔާރު ހުރިހާ އެސޯސިއޭޝަނަކަށް އޮންނާނެކަމަށެވެ. އެހެންނަމަވެސް 40 އަހަރުވެފައިތިބި ކުލަބުތައް ނިކަމެތިވެގެންދާތަން ބަލާކަށް ނުތިބޭކަމަށާއި، އެ ކުލަބުތަކުގެ ހިމާޔަތުގައި މިނިސްޓްރީން ނިކުންނަވާނެކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.