ޚަބަރު

ކުޅުންތެރިންގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭ، ނީޒާ އެހެން ބުނީ ކީއްވެކަމެއް ނޭންގޭ - އަދީމް


ގައުމީ ބެޑްމިންޓަން ޓީމްގެ ކުޅުންތެރިންގެ މެދުގައި ތަފާތުކުރުން ގެންގުޅޭކަމަށް ދެކެވޭ ވާހަކަތަކަކީ ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫންކަމަށް ފިރިހެން ޓީމްގެ މެނޭޖަރ އަހުމަދު އަދީމް ބުނެފިއެވެ.

އަދީމް މިހެން ބުނީ، ފާއިތުވެ ދިޔަ ހަފްތާގައި އަންހެން ޓީމްގެ މެނޭޖަރ ނީޒާ ޝަރީފް މަގާމުން އިސްތިއުފާ ދިނުމަށްފަހު ނެރުނު ބަޔާނާ ގުޅިގެންނެވެ. ބަޔާނުގައި ނީޒާ ވަނީ ކުޅުންތެރިންގެ ނަން ކިލަނބުކުރަން އެސޯސިއޭޝަނުން މަސައްކަތް ކުރި ކަމަށާއި، ކުޅުންތެރިންގެ މެދުގައި ތަފާތުކުރުން ގެންގުޅޭކަމަށްބުނެ އެސޯސިއޭޝަނަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

މިކަމާ ގުޅިގެން ފިރިހެން ޓީމްގެ މެނޭޖަރ އަހުމަދު އަދީމް ބުނީ ތަފާތުކުރުމެއް ފާހަގަ ވާނަމަ އެކަން ހައްލުކުރުމަށް ފިޔަވަޅު އެޅުމުގެ ފުރިހަމަ ބާރު ކޮންމެ މެނޭޖަރަކަށްވެސް އެސޯސިއޭޝަނުން ދީފައިވާކަމަށާއި، ކުޅުންތެރިންގެ ހުރިހާ ކަމަކާ ހަވާލުވެ ހުންނަ މެނޭޖަރުގެ ހައިސިއްޔަތުން ނީޒާއަށްވެސް އެ ބާރު އޮތްކަމަށެވެ.
އަދި އެސޯސިއޭޝަނުން އެއްވެސް އިރެއްގައި ކުޅުންތެރިންނަށް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވަން މަސައްކަތް ނުކުރާކަމަށާއި ކުޅުންތެރިންނާ ގުޅުންހުރި ހުރިހާކަމެއް އޮންނާނީ މެނޭޖަރުންގެ އަތްމަތީގައި ކަމަށްވެސް އަދީމް ބުންޏެވެ.

އަދީމް ބުނީ ޓީމްގެ ހުރިހާކަމެއްވެސް ކުރިއަށް ގެންގޮސްފައިވާނީ މަޝްވަރާގެ މަތިންކަމަށާއި މަޝްވަރާއާ ނުލާ އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެކަމަށެވެ. އަދި އަހަރަކަށް ވުރެ ގިނަ ދުވަހު ނީޒާއާއެކު މަސައްކަތްކުރެވުނު އިރު އެފަދަ މައްސަލައެއް އޭނާއާ ހިއްސާނުކޮށް ބަޔާނެއްގެ ސިފައިގައި މައުލޫމާތު ލިބުންވީ ހައިރާންކަން ގެނުވި ކަމެއްކަން އަދީމް ފާހަގަކުރިއެވެ. އަދި މިދިޔަ އަހަރު އިންޑޮނޭޝިޔާގައި އޮތް އޭޝިޔަން ގޭމްސްގައި ބެޑްމިންޓަން ޓީމްގެ މެނޭޖަރަކަށް ހުރި ނީޒާ ޝަރީފް ދިން ރިޕޯޓްއަށް ބަލާފަ ކުޅުންތެރިއަކު 1 މަސް ދުވަހަށް ސަސްޕެންޑްކޮށްފައިވާކަމަށްވެސް އަދީމް ފާހަގަކުރިއެވެ. ނަމަވެސް މިފަހަރު ކުޅުންތެރިންނަށް ފިޔަވަޅު އެޅީމަ އެކަން ތަފާތުވެގެން ނުވާނެކަމަށް އަދީމް ބުންޏެވެ.

"އެއްއަހަރާ ހަތަރުމަސް ނުވަތަ ފަސް މަހެއްހާ ދުވަހު މިހާ ގާތުން މަސައްކަތް ކުރި މީހެއްގެ ހައިިސިއްޔަތުން، ދުވަހަކުވެސް މީޓިންއެއްގަވެސް އަޑުނީވޭކަހަލަ ވާހަކަތަކެއް ވީމަ، ނޭނގުނު ބުނާނެ އެއްޗެއް" ޕީއެސްއެމް ސްޕޯޓްސްއަށް ފޯނުން ދިން އިންޓަވިއުއެއްގައި އަދީމް ބުންޏެވެ.

ނީޒާ ބާޔާނުގައި އެހެން އޮތަސް އެސޯސިއޭޝަނުން ކުޅުންތެރިންނާމެދު ތަފާތުކުރާ ގޮތެއް އެއްވެސް ވަރަކަށް ނުވިސްނޭކަމަށް އަދީމް ބުންޏެވެ.

"ކުޅެނީ އެއް ބޯޅައަކުން، ހުންނަނީ އެއް ކޯޗެއް، ދަނީ އެއް ނެޓް ކޯޓަކަށް، މުބާރާތްތަކަށްވެސް މުޅި ޓީމް ގެންދެވޭތޯ އަބަދުވެސް ބަލަން، އެހެންވީމަ އަޅުގަނޑަކަށް ނޭނގެ ތަފާތުވަނީ ކިހިނެތް ކަމެއް" އަދީމް ބުންޏެވެ.