ސިޔާސީ

އިސްލާމިކް ޔުނިވަރސިޓީގެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް ފަށައިފި


ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް ޤައުމީ ތަރައްޤީގެ ކޮމިޓީން ފައްޓަވައިފިއެވެ.ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީ ކޮމެޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ގޮތުގެ މަތިން އެ ބިލްގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތްކުރައްވާނެ ކަމަށާއި، ކޮމެޓީ މަރުހަލާގައި ކުރިއަށްދާ ބިލް ދިރާސާ ކުރުމުގެ މަސައްކަތްތައް މި މަސް ނިމުމުގެ ކުރިން އެއްކޮށް ނިންމުމަށް ކޮމެޓީގެ މެންބަރުން އެއްބަސްވެފައިވާ ކަމަށެވެ.ސަރުކާރުންވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ބިލް އެކުލަވާލުމަށްފަހު، އެބިލަށް އެޓާރނީ ޖެނެރަލްގެ ލަފާވެސް ހޯއްދަވާފައެވެ.އެޑިއުކޭޝަން މިނިސްޓަރގެ ނައިބު އަހްމަދު އަޒްލީން ވިދާޅުވީ، އިސްލާމިކް ޔުނިވަސިޓީގެ ބިލްގެ މަސައްކަތް ނިމުމުން، މިއަހަރުގެ މެއި ޖޫން ގައި ޔުނިވަސިޓީގައި ކިޔަވައިދޭން ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، އެކަމަށް ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.އަރަބި ކޮލެޖެއްގެ ގޮތުގައި މިހާރު ކިޔަވައިދެމުންދާ ކުއްލިއްޔާ ޔުނިވަސިޓީއެއްގެ ފެންވަރަށް ބަދަލުކުރުމަށް ވާންޖެހޭ ތައްޔާރީތައްވެސް، ގާނޫނީ ބާރު ލިބޭ ހިސާބުން ފަށައިގަނެވޭނެ ކަމަށް އަޒްލީން ވިދާޅުވިއެވެ.އަޒްލީން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ދެވޭ މަތީ ތައުލީމަކީ ފެންވަރު ރަގަޅު ތައުލީމަކަށް ހެދުން ކަމަށާއި، އިސްލާމިކް ޔުނިވަސިޓީ ގާއިމްކުރުމުގައިވެސް ތައުލީމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމަށެވެ.އިސްލާމިކް ޔުނިވަސިޓީއެއް ގާއިމްކުރުމުގައި ސަރުކާރުގެ ސިޔާސަތަކީ މިހާރު ކޮލެޖެއްގެ ގޮތުގައި ކިޔަވައިދެމުންދާ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، ރާއްޖޭގެ ގައުމީ އިސްލާމިކް ޔުނިވަސިޓީއަށް ބަދަލުކުރުންކަމަށެވެ.