އޮފީސް މާޙައުލާއި އެނޫންވެސް ތަންތަނުގައި މިންތީގެ ތަފާތުކުރުންތަކާއި ދެކޮޅަށް ތެދުވުމަށް އަންހެން މުވައްޒަފުންނަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް އިލްތިމާސްކުރައްވައިފިއެވެ.
މިނިސްޓަރ ޝިދާތާ މިކަމަށް އިލްތިމާސްކުރެއްވީ ޤާނޫނުތަކުން އަންހެނުންނަށް ކަށަވަރުކޮށްދީފައިވާ ޙައްގުތައް ތަންފީޒުކުރާ މިންވަރު ބެލުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެތެރެއިންނެވެ.
މިޒިޔާރަތުގައި މިނިސްޓަރވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި އެސްޓީއޯއާއި އެލައިޑް އިންޝުއަރެންސްގެ މެނޭޖްމެންޓާއި އެތަންތަނޔފެ އަންހެން މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އަދި އެމުވައްސަސާތަކުގައި ޖެންޑަރ އީކުއަލިޓީގެ ޤާނޫނާއި ޖެންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު ތަންފީޒުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރ ވަނީ މަޢުލޫމާތު އޮޅުން ފިލުއްވާފައެވެ.
މިމުއައްސަސާތަކުގެ މެނޭޖުމަންޓާއި އަންހެން މުވައްޒަފުންނާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝިދާތާ ޝަރީފުވަނީ ވަޒީފާގެ މާޙައުލުގައި އަންހެނުންނާ މެދުކުރެވޭ ތަފާތުކުރުންތަކާއި ނިންމުންތައް ނިންމާ ފެންވަރުގެ މަޤާމުތަކަށް ދިޔުމުގައި އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ އާބާދީގެ ނިސްބަތުން ތަޢުލީމު ޙާސިލުކުރާ އަންހެން ކުދިންގެ ނިސްބަތް ފިރިހެންކުދިންނަށްވުރެ އިތުރު ނަމަވެސް ވަޒީފާގެ މާޙައުލުގައި އެމަންޒަރު ނުފެންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.