ދަރުމަވަންތަ ޕާޓީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
ދަރުމަވަންތަ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ އަހްމަދު ޝަފީގް މޫސާ (ޑީއޯ ސައްޕެ) އަށެވެ. ޝަފީގަކީ އެމްޑީޕީ އުފެއްދުމުގައި އިސްސަފުގައިވެސް މަސައްކަތްކުރައްވާފައިވާ ފަރާތެކެވެ. އަދި ރައީސް މައުމޫންގެ ސަރުކާރަށް ފާޑުކިޔާ ގިނަ ލިޔުންތަކެއް ލިޔުނު ދިވެހި އޮބްޒާވަރުވެސް ހިނގުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
ފަހަކަށް އައިސް ސީޔާސީ ޕާޓީތައް އުފެއްދުމަށް ގިނަ ފޯމްތަކެއް އަންނަނީ ހުށައަޅުމުންނެވެ. މިގޮތުން އިލެކްޝަންސް ކޮމިޝަނުން ވަނީ މި އަހަރުގެ މިހާތަނަށްވަނީ ތިން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްދީފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕަލް ނޭޝަނަލް ކޮންގެރެސް (ޕީއެންސީ) އާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި ޤާނޫނީ ވަކީލު އަބްދުﷲ ހަސީނު އިސްވެ ހުންނަވައިގެން އުފެއްދެވި ލޭބާ ޕާޓީ ހިމެނެއެވެ.
މީގެއިތުރުން ކުރީގެ ރައީސް މައުމޫންވެސް ވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށައަޅުއްވާފައެވެ.
ރާއްޖޭގައި މިވަގުތު 8 ސިޔާސީ ޕާޓީ އަންނަނީ ހިންގަމުންނެވެ.