ޚަބަރު

ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީޢަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރައްވައިފިއެވެ. ކޯޓުން މިގޮތަށް އަމުރުކުރައްވާފައިވަނީ މިއަދު ކުރިއަށްދިޔަ މިމައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމުގައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓްގައި ލޯންޑަރ ކުރެއްވިކަމުގެ ތުހުމަތެވެ. މި މައްސަލާގައި ކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ވަނީ ޝަރީޢަތް ނިމެންދެން ރައީސް ޔާމީން ހައްޔަރުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވާފައެވެ. މިގޮތަށް އަމުރުކުރެއްވީ، މިމައްސަލައިގެ ޝަރީޢަތަށް ހުށަހަޅާފައިވާ ހެކީންނަށް އެމަނިކުފާނު ނޫފުޒުފޯރުވާނެކަމަށް ޤަބޫލުކުރެވޭކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެ އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް އެދިވަޑައިގަތުމުންނެވެ.

ދައުލަތުގެ ވަކީލްވަނީ މަނީލޯންޑަރިންގެ މައްސަލާއާއި އެމްއެމްޕީއަރުސީގެ ކޮރަޕްޝަނާ ގުޅިގެން ފުލުހުންހިންގާ ތަޙްޤީޤަށް ރައީސް ޔާމީން ނުފޫޒުފޯރުވާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ޕީޖީގެ ފަރާތުން ވަނީ ރައީސް ޔާމީން ހެކިންނަށް ނުފޫޒު ފޯރުވައި އެފަރާތްތަކުގެ ބަޔާންތައް ބަދަލުކުރަން ރިޝްވަތުގެ ގޮތުގައި ފައިސާ ހުށަހަޅުއްވާފައިވާކަން އެނގޭކަމަށްބުނާ ލިޔުމެއްވެސް ޝަރީޢަތަށް ހުށަހަޅުއްވާފައެވެ. އަދި އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓް، އެފްއައިޔޫގެ ފަރާތުން ފުލުހުންނަށް ހުށަހެޅުއްވި މައްސަލައަކަށްވެސް ރައީސް ޔާމީން ނުފޫޒް ފޯރުވަން މަސައްކަތް ކުރެއްވިކަމަށްބުނާ ސިއްރު ލިޔުމެއްވެސް ޝަރީޢަތަށް ހުށައަޅުއްވާފައިވެއެވެ.

ޕީޖީގެ ވަކީލުގެ އެދިވަޑައިގަތުމާ އެއްގޮތަށް ޤާޒީ ވަނީ ރިމާންޑް ޖަލެއްގައި ރައީސް ޔާމީން ބަންދުކުރުމަށް އަމުރުކުރައްވާފައެވެ. ޕީޖީ އޮފީހުގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ދިފާޢުގައި ރައީސް ޔާމީން ވަނީ ވާހަކަފުޅުދައްކަވާފައެވެ. ޝަރީޢަތުގެ މަޖިލީހުގައި ކޮޅަށް ތެދުވެވަޑައިގެން ރައީސް ޔާމީން ވިދާޅުވީ ހެކީގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ކޮންބައެއްކަން އެމަނިކުފާނަށް އެނގިވަޑައިވެސް ނުގަންނަވާކަމަށެވެ.

ރައީސް ޔާމީންގެ ވަކީލު ވިދާޅުވީ، އެމަނިކުފާނުގެ އެކައުންޓަށް ވަން ފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާކަން އެއްވެސް އިދާރާއަކުން ހާމަކުރައްވާފައިނުވާކަމަށެވެ. އަދި ރައީސް ޔާމީން ހެއްކަށް ނުފޫޒު ފޯރުވާނަމަ އެމަނިކުފާނުގެ މައްޗަށް ކުރަންޖެހޭނީ ޢަދުލްއިންސާފަށް ހުރަސްއެޅުއްވިކަމުގެ ދަޢުވާކަމަށްވެސް ވަކީލް ވިދާޅުވިއެވެ. އަދި ހެތްކަށް ނޫފުޒު ފޯރުވާކަމަށް ތުހުމަތުކޮށް ބަންދުގެ ޢަމުރަކަށް ނޭދެވޭނެކަމަށްވެސް އެމަނިކުފާނުގެ ދިފާޢީ ވަކީލް ވިދާޅުވިއެވެ.

ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރެއްވުމާއެކު އެމަނިކުފާނު ގެންގޮސްފައިވަނީ މާފުށީ ޖަލަށެވެ. ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދަޢުވާ އުފުލައި އެމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވީ މިމަހުގެ 13 ވަނަދުވަހުއެވެ.
ރައީސް ޔާމިންގެމައްޗަށް ކުރާ ދަޢުވާއާ ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮންގްރެސް ޕާޓީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ރައީސް ޔާމީން ހައްޔަރުކުރީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފުޒް ފޯރުވުމަށްކަމަށެވެ. ރައީސް ޔަމީން ބަންދުކޮށް ޖަލަށްވެސް ލެވިދާނެ ކަމަށާއި، އެމަނިކުފާނު ގެނެސްދެއްވި ތަރައްޤީގެ ފިކުރު ޖަލަށްނުލެވޭނެ ކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

މަނީ ލޯންޑް ކުރުމުގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް އިތުރު ދަޢުވާތަކެއްވެސް ކުރައްވައެވެ. އެގޮތުން ދައުލަތުގެ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ތުހުމަތުވެސް ރައީސް ޔާމީންގެ މައްޗަށް ފުލުހުން ކުރައްވައެވެ. އަދި އެމައްސަލާގައިވެސް ދަޢުވާ ކޮށްދެއްވުމަށް ފުލުހުންގެ ފަރާތުން ވަނީ ޕީޖީ އޮފީހަށް ފޮނުއްވާފައެވެ.