ތަޢުލީމު

ޕޮލިޓެކްނިކުން ހިންގާ ކޯސްތަކަށް ސްޓެލްކޯއިން ފަންނީ އެހީތެރިކަންދެނީ


ޕޮލިޓެކްނިކުން ހިންގާ ތަފާތު ކޯސްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއާއެކު ސޮއިކޮށްފިއެވެ.

ސްޓެލްކޯ މާލަމުގައި އެކަމަށްޓަކާ ބޭއްވި ޙާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީއެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަޙްމަދު ނާޞިރެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިއާއަށް މަޢުލޫމާތުދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވީ، އެކުންފުންޏަކީ ހުނަރުހުރި ޤާބިލު ދިވެހިން މަސައްކަތުގެ މައިދާނަށް ނެރުމަށް އަބަދުވެސް ހިތްވަރުދޭ ކުންފުންޏެއްކަމަށެވެ. އަދި ޕޮލިޓެކްނިކާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން އެތަނުން އިންޖިނިއަރިންނާއި، ހަކަތައިގެ ދާއިރާއާ ގުޅުންހުރި ތަފާތު ކޯސްތައް ފުރިހަމަކުރަމުންދާ ދަރިވަރުންނަށް ބޭނުންވާ އިންޑަސްޓްރިއަލް ޓްރެއިނިންގ ނުވަތަ އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު އެކުންފުނިން ފަހިކޮށްދޭނެ ކަމަށެވެ.

"ޕޮލިޓެކްނިކުގެ ކޯސްތަކުގައި ބައިވެރިވާ ކުދިންނަށް ފުރުޞަތު ދެވިގެންދާނެ ޓެކްނިކަލް ތަފާތު ދާއިރާތަކުން ކޯސްފުރިހަމަ ކުރުމަށްފަހު އިންޑަސްޓްރިއަލް ޓްރެއިނިންގ ބައި މިކޮޅުން ފުރިހަމަ ކުރުމަށް. އަދި ކޯސްތައް ކުރިއަށްދާއިރުވެސް އަޅުގަނޑުމެންނަށް އިތުރު އެހީތެރިކަންދެވޭނެ ރޮނގު ރޮނގުން އަޅުގަނޑުމެން އެހީތެރިކަންދޭނަން. މިސާލަކަށް މި ކުންފުނީގެ ވަކި ފެސިލިޓީއެއް ބޭނުންކުރަން ބޭނުންވިޔަސް، އެއޮންނަ އުޞޫލުން އެކަން ފަހިކޮށްދޭނަން އަޅުގަނޑުމެން." މުޣްނީ ވިދާޅުވިއެވެ.

ޕޮލިޓެކްނިކްގެ ސީ.އީ.އޯ އަޙްމަދު ނާޞިރު ވިދާޅުވީ، ޕޮލިޓެކްނިކްގެ މެންޑޭޓަށް ގެނެވުނު ބަދަލުތަކާއެކު، ރާއްޖޭގެ ތަފާތު އިންޑަސްޓްރީތަކަށް ބޭނުންވާ ޒުވާނުން ތަމްރީން ކުރުމަށް ޙާއްސަ އިސްކަމެއްދޭކަމަށެވެ. އަދި އެތަނުން ހިންގާ ކޯސްތަކަކީ މަސައްކަތުގެ މާހަލުއަށް ބެނުންވާ ހުނަރާއި ޤާބިލުކަން ކުއްޖާއަށް ދަސްކޮށްދެވޭނެހެން ބައްޓަންކޮށްގެން ކުރިއަށްގެންދާ ކޯސްތަކެއްކަމަށާއި، އެކުދިންނަށް ބޭނުންވާ މަސައްކަތުގެ ތަޖުރިބާ ތަފާތު އެކި ކުންފުނިތައް މެދުވެރިކޮށް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ނާޞިރު ވިދާޅުވިއެވެ.

"ރިނިއުބަލް އެނަރޖީއާއި ދިމާލަށް ސަރުކާރުން މިސްރާބު ޖަހާފައިވާއިރު، އަޅުގަނޑުމެންގެ މިހާރު ހުރި ޕްރޮގްރާމްތަކަށް ބަލާލާއިރުވެސް އެބަހުރި ސެޓްފިކެޓް ލެވެލްގެ ޕްރޮގްރާމްތައް. ރިނިއުބަލް އެނަރޖީ އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް ޕްރޮގްރާމްތައް. އަދި ހަކަތައިގެ ދާއިރާއާއި ގުޅުންހުރި އިތުރު ކޯސްތައްވެސް. ސްޓެލްކޯއަކީ ރާއްޖޭގައި އެނަރޖީ އިންޑަސްޓްރީގެ އެންމެ ބޮޑު އެއް ހިއްސާދާރު.. އަދި ސެޓްލްކޯއާއި ޕޮލިޓެކްނިކާ މި އޮންނަނީ ވަރަށް ޒަމާންވީ ބަދަހި ގުޅުމެއް. މިފަދަ އެއްބަސްވުމެއް ޤާއިމުވެގެންދިއުމަކީ ލިބޭ އިތުރު ކުރިއެރުމެއް." ނާޞިރު ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ޕޮލިޓެކްނިކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ސްޓެލްކޯގެ އިލެކްޓްރީޝަނުންނާއި، ޓެކްނީޝަނުންގެ އިތުރުން އިންޖިނިއަރުންނާއެކު މަސައްކަތްކޮށް، އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި އެފަދަ ކުދިންނަށް ކަނޑައެޅޭ ޚާއްސަ އުޖޫރައެއްވެސް ދެވޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ.