ޚަބަރު

އެސްއޯއެފްގެ އެކައުންޓަށް ޗެކްތައް ޖަމާކުރީ އެންޑޯސްކޮށްފައި ހުރުމުން - ބީއެމްއެލް


އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގައި އެސްއޯއެފް ކުންފުނީގެ އެކައުންޓުން ޖަމާކުރަމުންދިޔަ ޗެކްތަކާއި ބެހޭ މަޢުލޫމާތުތައް، ކަމާބެހޭ ހުރިހާ ފަރާތްތަކާ ޙިއްޞާކުރި ކަމަށާއި، އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރީ އެ ޗެކުތައް އެންޑޯސްކޮށްފައި ހުރުމުންކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް އާއި ގުޅުވައިގެން ދެކެވެމުންދާ ވާހަކަތަކާއި ގުޅޭގޮތުން ބީއެމްއެލްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެމް.އެމް.ޕީ.އާރ.ސީގެ ނަމުގައި އެކިފަރާތްތަކުން ދޫކޮށްފައިވާ ޗެކްތައް އެސް.އޯ.އެފް ގެ އެކައުންޓަށް ޖަމާކުރެވިފައިވަނީ އެ ޗެކްތައް އެންޑޯރސްކޮށްފައި ހުރުމުން ކަމަށެވެ.

ބީއެމްއެލްއިން ބުނީ އެންޑޯރސް ކޮށްފައިވާ ޗެކެއް ޖަމާކުރުމަށް ގެނައުމުން އެ ޗެކްދޫކުރި އެކައުންޓްގެ ވެރިފަރާތުން ފުރިހަމަކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކުރެވިފައިވާ، ހުއްދަދެވިފައިވާގޮތަށް ސޮއިކުރެވިފައިވާ ފުރިހަމަޗެކެއްތޯ ބޭންކުން ބަލަމުން އަންނަކަމަށެވެ. މިގޮތުން 2016 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 14 ގައި އެންޑޯރސް ކޮށްފައިވާ ޗެކްބަލައިގަތުން ހުއްޓާލަންދެން، ފެށުނީއްސުރެ ބޭންކުން ޢަމަލުކުރަމުން އައީ މިގޮތަށްކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ، އެންޑޯރސް ކޮށްފައިވާ ޗެކް ބަލައިތުން ހުއްޓާލަންދެން އެހެން ބޭންކުތަކުންވެސް އެންޑޯރސް ކޮށްފައިވާ ޗެކްތައް ބަލައިގަތުމުގައި ޢަމަލުކުރަނީ އެގޮތަށްކަމަށެވެ. އެސް.އޯ.އެފް އެކައުންޓަށް ޖަމާކުރެވުނު ޗެކްތައްވެސް ޖަމާކޮށްފައިވަނީ މި އުސޫލުގެ ދަށުން، ޤާނޫނުތަކާ އަދި ބޭންކުން ޢަމަލުކުރަމުން އަންނަ ޕްރޮސީޖަރތަކާ އެއްގޮތްވާގޮތުގެ މަތިން ވަކި ތަފާތުކުރުމެއްނެތިކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވަނީ، އެސްއޯއެފްގެ އެ މުއާމަލާތްތަކާއި ގުޅިގެން ބީއެމްއެލްގެ ފަރާތުން އަދާކުރަންޖެހޭ ޤާނޫނުން ލާޒިމްކުރާ އެންމެހާ ޒިންމާތަކެއް އަދާކޮށްފައިވާކަމަށާއި މިގޮތުން އެސްއޯއެފުން ކޮށްފައިވާ މުއާމަލާތްތައް ޤަވާއިދުން މޮނީޓަރ ކޮށްފައިވާނޭކަމަށެވެ.

އެމްއެމްޕީއާރުސީ މައްސަލައާއި ގުޅިގެން ބޭންކްގެ ޗީފް އިންޓަރނަލް އޮޑިޓަރު ހިންގި އޮޑިޓުގައި ބީއެމްއެލްއިން މިކަމުގައި އަމަލުކޮށްފައިވަނީ، ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށްކަމަށާއި، އެއްވެސް ބާވަތެއްގެ ނޭދެވޭ އަމަލެއް ބޭންކްގެ މުއައްޒަފުންނާއި ގުޅިގެން ހިންގާފައި ނުވާކަން އޮޑިޓަރު ޔަޤީންކޮށްދީފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.

އޭސީސީގެ ވެބްސައިޓުގައި ޢާއްމުކޮށްފައިވާ އެމްއެމްޕީއާރުސީގެ ރިޕޯޓުގައި 57 ރަށަކުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު 60 މިލިއަނަށްވުރެ ގިނަ ޑޮލަރު އެމްއެމްޕީއާރުސީގެ އެކައުންޓްތަކަށް ޖަމާނުކޮށް ޗެކް އެންޑޯސްކޮށްގެން އެކިއެކި އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަމަށް ވަނީ ފާހަގަކޮށްފައެވެ.