ޚަބަރު

ބުރިޖު ހުޅުވިތާ ހަމަސްވީއިރު، މިހާތަނަށް 167 އެކްސިޑެންޓް


ސިނަމާލެ ބުރިޖު ހުޅުވިތާ ހަމަސްވީއިރު، މި ފެށުނު ހަތްފާއާ ހަމައަށް 167 އެކްސިޑެންޓެއް ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބްރިޖް ޢާއްމުނަށް ހުޅުވާލާފައިވާއިރު ފާއިތުވި ހަމަސްދުވަހުގެ ތެރޭގައިވަނީ 167 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންކަމުން މިދިޔަ ހަމަސްދުވަހު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް އެކްސިޑެންޓެއްގެ މަގުން ބަލާނަމަ މިދިޔަ 6 މަސްދުވަހުގެ ތެރޭގައި އެކްސިޑެންޓެއް ނުހިނގަނީ އެންމެ 13 ދުވަހުއެވެ.

ބުރިޖު މަތީގައި ހިނގާފައިވާ އެކްސިޑެންޓުތަކުގެ ތަފްސީލަށް ބަލާއިރު، ބުރިޖުމަތީގައި 37 އެކްސިޑެންޓް ހިނގާފައިވާއިރު ހައިވޭގައި ވަނީ 61 އެކްސިޑެންޓު ހިންގާފައެވެ. އަދި ބުރިޖާ ގުޅިގެން ހަދާފައިވާ ރިންގ ރޯޑުގައި ވަނީ 68 އެކްސިޑެންޑު ހިނގާފައެވެ. މި އެކްސިޑެންޓުތަކުގައި 15 މީހަކަށް ސީރިއަސް އަނިޔާ ވެފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި ބުރިޖާއި ހައިވޭގައި ހިނގާފައިވާ އެކްސިޑެންޓުތަކަށް ބާލާއިރު އެކްސިޑެންޓުތައް ހިނގުމަށް މެދުވެރިވަނީ އޯވަރޓޭކް ކުރުމުގެ ތެރޭގައި ބަލަންވާ ވަރަށް ނުބަލާ އޯވަރ ޓޭކް ކުރުމާއި، ދެއުޅަނދު ދޭތެރޭގައި ބަހައްޓަންޖެހޭ އެކަށީގެންވާ ދުރުމިން ނުބެހެއްޓުމުގެ ސަބަބުން ދިމާވާ އެކްސިޑެންޓުތައްކަމަށް ފުލުހުން ބުނެއެވެ.

ރިންގު ރޯޑުގައި ހިނގާ އެކްސިޑެންޓުތައް ގިނައިން ހިނގާފައި ހުރީ ގޯޅިއަޅާއިރު ބަލަންވާ ވަރަށް ނުބަލާ ގޯޅިއެޅުމުގެ ތެރޭގައިކަމަށްވެސް ފުލުހުންގެ ރިކޯޑުތަކުން ދައްކައެވެ. އަދި ރިންގު ރޯޑާއި ބުރިޖުމަތީގައި ހުރި ލޭންތަކަށް ބެލުމެއް ނެތި ބައެއް މީހުން ދުއްވާކަންވެސް ފާހަގަވެފައިވާކަމަށް ފުލުހުން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް އިންވެސްޓިގޭޝަން ހެޑް، ޗީފް އިންސްޕެކްޓަރ އިބްރާހީމް ރިފާޢު ވިދާޅުވީ ހެދިފައިވާ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާނަމަ އެކްސިޑެންޓުތައް މިހާރަށްވުރެ މަދުވާނެކަމަށެވެ.

"ޤަވައިދުތަކުގައި އެބަހުރި ހަމަ ވަރަށް ރަނގަޅަށް ރައްކާތެރިކޮށް ދުއްވޭނެ އުސޫލުތަކެއް ކަނޑައެޅިފައި، ރައްކާތެރިކޮށް ދުއްވޭނެ މިންގަނޑުތަކެއް އެބަހުރި މަގުމަތީގަ ނިޝާންތަކެއް އެބަހުރި ނުވަތަ މަގުގެ އެއްފާރާތުގައި ޖަހާފައިހުރި ނިޝާންތަކެއް އެބަހުރި ނޫނިއްޔާ ޢަމަލުކުރަންޖެހޭ އުސޫލުތަކެއް އެބަހުރި، މިހަމަ އުސޫލުތަކަށް އަޅުގަނޑުމެން ދިވެހިން، މަގު ބޭނުންކުރާ ފަރަތްތަކުން ބޯލަނބާ އެއަށް ޢަމަލު ކުރާނަމަ އެކސިޑެންޓުތައް ވަރަށް ބޮޑުތަން މަދުވެގެންދާނެ." ޗީފް އިންސްޕެކްޓަރ އިބްރާހީމް ރިފާޢު ވިދާޅުވިއެވެ.

ޗީފް އިންސްޕެކްޓަރ އިބްރާހީމް ރިފާޢު ވިދާޅުވީ ރާއްޖޭގައި ހިނގާފައިހުރި އެކްސިޑެންޓުތަކުގެ ދިރާސާއަށް ބަލާއިރު އެންމެ ގިނައިން ހިނގާފައިހުރީ ބާރަށް ދުއްވުމުގެ ސަބަބުން ހިންގާފައިހުރި އެކްސިޑެންޓުތައްކަމަށެވެ. އަދި ވޭތުވެދިޔަ 6 މަސް ދުވަހު ބްރިޖު ސަރަޙައްދުގައި ހިނގާފައިވާ އެކްސިޑެންޓުތަކުގެ 40 އިންސައްތަ އެކްސިޑެންޓަކީ ބާރަށް ދުއްވުމުގެ ސަބަބުން ހިނގާފައިވާ އެކްސިޑެންޓުކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެކްސިޑެންޓު ތަކާއި ބެހޭ މަޢުލޫމާތު އަޅުގަނޑުމެނާ އެއްވެސް ފަރާތަކުން ޖެހިލުން ނުވެ ހިއްސާކުރުމަށް، މަންޒަރު ފެނުނު ފަރާތްތެއް ހުރިނަމަ އޭނަ އަޅުގަނޑުމެނާއި ހަމައަށް އެމަޢުލޫމާތު ގެނެސްދިނުމަށް އެދެން. މަޢުލޫމާތު ހިއްސާކުރެއްވުމުން އަޅުގަނޑުމެންގެ ތަޙުގީގު ކުރިއަށްގެންދިޔުމަށް ލިބޭވަރަށް ބޮޑު އެހީތެރިކަމެއް އެއީ، މަޢުލޫމާތުދެއްވާކަން އަންގަން ބޭނުންނުވާނަމަ މަޢުލޫމާތު ދޭފަރާތް ސިއްރުކޮށްފައި އަޅުގަނޑުމެން ބާއްވާނީ."

އެކްސިޑެންޓު މަދުކުރުމަށް ހުރިހާ ފަރާތެއްވެސް ގުޅިގެން މަސައްކަތްކުރުމަށް ފުލުހުން އިލްތިމާސްކުރާއިރު ބުރިޖުގައި ދުވެލި ބެލޭނެ ކެމެރާ ހަރުކުރުމުގެ މަސައްކަތްވެސް ފުލުހުން މިހާރުވަނީ ފަށާފައެވެ.