ޚަބަރު

ފޮރިންގ މިނިސްޓަރު ޝާހިދު ސަޢޫދީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


މިނިސްޓަރ އޮފް ފޮރިން އެފެއާރޒް ޢަބްދުﷲ ޝާހިދު ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު، މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި ސަޢޫދީ ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން، މިނިސްޓަރ ޝާހިދު ވަނީ އެޤައުމުގެ ފޮރިން އެފެއާޒް މިނިސްޓަރު ޑރ. އިބްރާޙިމް ބިން ޢަބްދުލްޢަޒީޒް އަލްއައްސަފާއި މިނިސްޓަރ އޮފް ކޮމާސް އެންޑް އިންވެސްޓްމަންޓް ޑރ. މާޖިދް ބިން ޢަބްދުﷲ އަލް ޤަޞަބީއާއި އެޤައުމުގެ މިނިސްޓަރ އޮފް ޙައްޖު އެންޑް ޢުމްރާ، ޑރ. މުޙައްމަދް ސާލިޙް ބިން ތަހެރް ބިންތިންއާވެސް ބައްދަލުކުރައްވާފައެވެ.

ސަޢޫދީގެ ޚާރިޖީ ވަޒީރާއެކު މިނިސްޓަރު ޝާހިދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުންނާއި ދިވެހިންނަށް ސަޢޫދީ ވިސާ ހޯދުމުގައި ލުއި ގޮތްތަކެއް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގައި ބިނާކުރާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް އަވަހަށް ނިންމުމާ ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ. އަދި ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކުގައި ސަޢޫދީ ޢަރަބިއްޔާގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަގީންކަންވެސް މި ބައްދަލުކުރެއްވުމުގައި ސަޢޫދީ ޚާރިޖީ ވަޒީރު ދެއްވާފައިވާކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވެއެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި، ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ ސްކޮލަރޝިޕްތަކުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ހިފުމާ ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފައިވާއިރު، ދެ ޤައުމުގެ ވިޔަފާރިވެރިންގެ މަހާސިންތާއެއް ރިޔާޟްގައި ބޭއްވުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވާކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.