ޚަބަރު

ފޮރިން މިނިސްޓަރ ޝާހިދު ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރާއި ބައްދަލުކުރައްވައިފި


ފޮރިންމިނިސްޓަރ ޢަބްދުﷲ ޝާހިދު، ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވަމުންދާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ މިނިސްޓަރ އޮފް ޙައްޖު އެންޑް ޢުމްރާ، ޑރ. މުޙައްމަދް ސާލިޙް ބިން ތަހެރް ބިންތިންއާ ބައްދަލުކުރައްވައިފިއެވެ.

މައްކާގައި މިއަދު ބޭއްވި މިބައްދަލުވުމުގައި ޙައްޖާއި ޢުމްރާގެ އިންތިޒާމްތައް ހަމަޖެއްސެވުމުގައި ސަޢޫދީ ސަރުކާރުން އިސްލާމީ އުއްމަތަށްޓަކައި ކުރައްވަމުންގެންދަވާ ބުރަ މަސައްކަތައް ސަޢޫދީ ޢަރަބިއްޔާގެ އިސްވެރިންނާއި ސަރުކާރަށް މިނިސްޓަރ ޝާހިދު ޝުކުރުއަދާ ކުރެއްވިއެވެ. އަދި ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް ދަތުރުކުރައްވާ ބޭފުޅުންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުންނާއި އިންތިޒާމްތައް އިތުރަށް ފުރިހަމަކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ މިނިސްޓަރުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކެޓްރީ އާމިނަތު ޝައުނާއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަހުމަދު ޝިއާންގެ އިތުރުން ޚާރިޖީ ވުޒާރާއާއި ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.