ޚަބަރު

ތުހުމަތުތަކާއެކު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާތޯ؟


މިހާރު އެމެރިކާގައި އެންމެ ގަދައަށް ބަހުސް ކުރެވޭ އެއް މައުޟޫއަކީ ވަރޖިނިއާ ސްޓޭޓްގެ ގަވަނަރ ރަލްފް ނޯތަމް މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅޭގޮތުން ކުރެވޭ ބަހުސެވެ. މި ބަހުސް ފެށުނީ މި މަހުގެ ފުރަތަމަ ދުވަހު ޢާއްމުވި ފޮޓޯއަކާއި ގުޅިގެންނެވެ. މި ފޮޓޯއަކީ ގަވަނަރ ނޯތަމް ކިޔަވާވިދާޅުވި ވެސްޓަން ވަރޖީނިއާ މެޑިކަލް ސްކޫލްގެ 1984 ވަނަ އަހަރުގެ އިއަރ ބުކްގައި ޝާއިއުކޮށްފައިވާ ފޮޓޯއެކެވެ. މި ފޮޓޯއިން ފެންނަނީ އެމެރިކާގެ ދޮން ނަސްލުގެ ހައިބަތާއި ޝަރަފުވެރިކަމަށް ލޯބިކޮށް، ކަޅު ނަސްލަކީ ދަށު ދަރަޖައިގެ ބައެއްކަމަށް ސިފަކޮށް، ދޮން ނަސްލުނޫން އެހެން ނަސްލުތަކުގެ މީހުންނާއި ދެކޮޅަށް ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ޖަމާޢަތެއްކަމަށްވާ ކޫ ކަލްސް ކްލެން ނުވަތަ ޢާއްމު ނަމުންނަމަ ކޭކޭކޭގެ ޔުނިފޯމުގައި ހުރި މީހަކާއި މޫނުގައި ކަޅު ކުލަ ޖައްސާފައިހުރި މީހެކެވެ. މި ފޮޓޯ ޝާއިއުކޮށްފައިވަނީ އިއަރބުކްގައި ގަވަނަރ ނޯތަމަށް ޙާއްސަކޮށްފައިވާ ޞަފުހާގައެވެ.

މި ފޮޓޯ ޢާއްމުވުމާއި ގުޅިގެން ނޯތަމް ވިދާޅުވެފައިވަނީ ފޮޓޯގައި ފެންނަނީ އޭނާނޫންކަމަށާއި ފޮޓޯއިން ފެންނަ މީހަކީ ކާކުކަން އޭނާއަށް އެނގިވަޑައިނުގަންނަވާކަމަށެވެ. ނަމަވެސް، ފަހުން އޭނާގެ ރާގު ބަދަލު ކުރައްވާ ފޮޓޯއިން ފެންނަނީ އޭނާކަމަށް އެއްބަސްވެވަޑައިގެންފައެވެ. މިއާއިއެކު އޭނާގެ އިސްތިއުފާއަށް ގިނަ ބަޔަކު ގޮވަން ފެށިއެވެ. އަދި މިކަމާއި ގުޅިގެން އެމެރިކާގެ މީޑިއާތަކުގައި ބޮޑެތި ބަހުސްތައް ވެސް ދަނީ ކުރެވެމުންނެވެ. އިސްތިއުފާ ދެއްވުމަށް ވަރޖީނިއާގެ ގަވަނަރަށް ދަނީ ބޮޑެތި ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ.

ނޭނގި ނަމަވެސް ކޮރަޕްޝަންގެ ކަޅުފައިސާގައި ޖެހިވަޑައިގެންފައި

ދެން އޮތީ ދިވެހިރާއްޖޭގެ ވާހަކައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރުވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ހިޔާނާތުގެ ތަހުޤީޤީ ރިޕޯޓް ޢާއްމުކޮށްފައެވެ. 759 ޞަފުހައިގެ ރިޕޯޓުން އެންމެ ބޮޑަށް ލޮލުގައި އަޅައިގަތް ނަމަކީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަޙްމަދު މަޙްލޫފްގެ ނަމެވެ. އެ ރިޕޯޓުގައިވާ ގޮތުން އަޙްމަދު މަޙްލޫފްގެ އެކައުންޓަށް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުންވަނީ 33،000 އެމެރިކާ ޑޮލަރު ޖަމާކޮށްފައެވެ. މި އެސްއޯއެފް ކުންފުނީގެ އެކައުންޓަށްވަނީ އެމްއެމްޕީއާރްސީއަށް ޖަމާކުރަންޖެހޭ 77.45 މިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން 64.8 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްފައެވެ. އޭސީސީގެ ރިޕޯޓުގައިވާ ގޮތުން މަޙްލޫފްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

މިކަމާ ގުޅިގެން، ކުރިން މަޖިލިސް މެމްބަރުކަންވެސް ކުރައްވާފައިވާ، އަޙްމަދު މަޙްލޫފް ވިދާޅުވެފައިވަނީ އެސްއޯއެފްގެ މުޢާމަލާތްތަކާއި ގުޅިގެން އޭސީސީއިން ހިންގި ތަޙްޤީޤްގައި އެތައް ސަތޭކަ ބަޔަކާއި ސުވާލުކޮށް އެތައް ހާސް ޑޮކިއުމަންޓްތަކެއް ދިރާސާކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާކަމަށާއި، ނަމަވެސް 2 އަހަރަށްވުރެ ގިނަދުވަސްވީ ތަޙްޤީޤްގުގައި އެމަނިކުފާނާ އެއްވެސް ސުވާލެއްކޮށްފައި ނުވަކަމަށާއި، އެފަދަ އިޝާރާތެއްވެސް ކޮށްފައި ނުވަކަމަށެވެ. މަޙްލޫފްވަނީ މިކަން ފާހަގަކޮށް މިމަހުގެ 11 ވަނަ ދުވަހު އޭސީސީއަށް ސިޓީއެއްވެސް ފޮނުއްވާފައެވެ. އޭސީސީގެ ރައީސް ހަސަން ލުތުފީއަށް ފޮނުއްވި ސިޓީގައި އޭނާ ވިދާޅުވެފައިވަނީ ފާއިތުވި ފަސް އަހަރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކޮށްފައިވާކަމަށާއި އެމްއެމްޕީއާރުސީގެ ޚިޔާނަތުގައި ފައިސާ ޖަމާކުރި އެސްއޯއެފްގެ އެކައުންޓަކުން ފައިސާ ޖަމަވާވެފައިވާކަން އެނގުމުން އެކަމާ ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ. އަދި އެ މައްސަލަ އޭސީސީންނާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ކޮމިޝަނުން އަވަހަށް ބެލުމަށްފަހު އެ މަޢުލޫމާތުތައް ރައްޔިތުންނާ ޙިއްސާކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމަށްވެސް މަހްލޫފްގެ ސިޓީގައި ލިޔުއްވާފައިވެއެވެ.

ފަސް އަހަރު ފަހުން މި ވާހަކަތައް ދެއްކެވީ ކީއްވެ؟

މިހިސާބުން އުފެދޭ ސުވާލަކީ އޭސީސީން މި ރިޕޯޓު އާއްމުކުރުމުގެ 3 ދުވަސް ކުރިން މަޙްލޫފް މިސިޓީ ފޮނުއްވީ ކީއްވެގެންތޯއެވެ؟ މަޙްލޫފްގެ އަމިއްލަ އިއުތިރާފުންވެސް އެނގޭގޮތުގައި އޭނާގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ވަދެފައިވަނީ މީގެ 5 ވަރަކަށް އަހަރުކުރިންނެވެ. އަދި މުޅި ޤައުމުގައި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ވާހަކަ ދެކެވެމުންދިޔަ ހިނދު، އެ ޚިޔާނާތުގައި އެންމެ އިސް ރޯލެއް އަދާކުރި އެސްއޯއެފް ކުންފުނިން މަޙްލޫފްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވުމުންވެސް އެކަމާ އޭރު ކަންބޮޑުވެ ސުވާލު އުފައްދާފައިނުވަނީ ކީއްވެތޯ؟ މިފަދަ ޢަމަލުތަކަކީ ސަރުކާރުގެ ޒިންމާދާރު މަޤާމުތަކާ ޙަވާލުވެތިއްބެވި ބޭފުޅުންގެ ޢަމަލުތަށް ހުންނަވަންޖެހިވަޑައިގަންނަވާ ގޮތްތޯއެވެ؟

މީގެ އިތުރުން، މަޙްލޫފް އެދެންނެވި ސިޓީ އޭސީސީއަށް ފޮނުއްވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ނަގާފައިވާ މީހުންގެ ނަންތައް އާއްމުކުރުމަށް ގިނަ އަދަދެއްގެ އާއްމުން ގޮވާލަމުންދިޔަ ދަނޑިވަޅެއްގައެވެ. ސުވާލަކީ، މަޙްލޫފް ސިޓީ ފޮނުއްވީ އޭސީސީގެ ލިސްޓު އާއްމުކުރަން އުޅޭކަމުގެ ޚަބަރު ލިބި، ފަޟީހަތް ވެދާނެ ކަމުގު ބިރުހީވުމުންތޯއެވެ؟ ކޮންމެއަކަސް މިޤައުމުގެ ޒުވާނުންގެ މިނިސްޓަރާ ދޭތެރޭ އޮތް އިތުބާރު މިވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.

މި ތުޙުމަތުތަކާ ގުޅިގެން އޭނާ ވިދާޅުވެފައިވަނީ، އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ ފައިސާގައި ޖެހިފައިވާކަން ސާބިތުވެއްޖެނަމަ މަޤާމުން އިސްތިއުފާދެއްވާނެކަމަށާއި އެއްވެސް ވައްކަމެއް ކޮށްފަ ނޯންނާނެކަމަށެވެ. މީގެ ކުރިންވެސް ދައުލަތުގެ އިސް މަޤާމުތައް ފުރުއްވާ ބޭފުޅުންނަށް އެކި ކަހަލަ ތުހުމަތުތައް ދިޔައީ ކުރެވެމުންނެވެ. ނަމަވެސް، އެއްވެސް ކަމެއް ސާބިތުނުވެ މައްސަލަ ނިމެއެވެ. މިފަހަރު ތަފާތުވާނެކަމަށް ޤަބޫލުކުރައްވަންތޯއެވެ؟

ސަރުކާރުން އޮތީ ކަރަޕްޝަނަށް "ޒީރޯ ޓޮލަރެންސް"

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތަކީ ކޮރަޕްޝަނަށް އެއްވެސް ފުރުޞަތެއް ނުދެއްވުމެވެ. އެގޮތުން، ކޮރަޕްޝަންގެ މައްސަލަތައް ހުށައެޅާ ޕޯޓަލް "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ ދައުލަތުގެ އެއްވެސް އިދާރާއެއްގައި ކޮރަޕްޝަންގެ ޢަމަލެއް ހިނގާނަމަ އެމަނިކުފާނުގެ ސަމާލުކަމަށް އެކަން ގެނައުމަށް އެދިވަޑައިގެންފައެވެ.

ކޮރަޕްޝަނަށް މި ސަރުކާރުން ގެންގުޅޭނީ ޒީރޯ ޓޮލަރެންސްކަން އިއުލާންކުރެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުމުން މަހްލޫފް ގޭގައި މަޑުކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އަންގަވާފައެވެ. މިއީ ފަހުގެ ތާރީހެއްގައި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރެއްގެ މައްޗަށް ކޮރަޕްޝަން ތުހުމަތުތަކެއް ކުރެއްވުމުން ގޭގައި މަޑުކުރައްވަން އެންގެވި ފުރަތަމަ ފަހަރުއެވެ. އަދި މިއީ ރައީސް ޞާލިޙް ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުން ވަކި މީހަކު ތަފާތު ކުރުމެއްނެތި ފިޔަވަޅު އަޅާނެކަމަށް ވިދާޅުވި ވިދާޅުވުންމަތީ ދެމިހުންނެވިކަން ސާބިތުކޮށްދޭ ހެއްކެކެވެ. އަދި މި މައްސަލައިގެ ތަޙްޤީޤު ލަސްނުކުރައްވާ މައްސަލަ ބައްލަވައި އެޚިޔާނާތުގައި ބައިވެރިވާ ފަރާތްތައް ވީހާވެސް އަވަހަކަށް ޝަރީއަތަށް ހާޒިރުކުރުމަށް ރައީސް ޞާލިޙް ގޮވާލައްވާފައިވާކަމީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުން ފެށި މަސައްކަތް ކާމިޔާބު ކުރުމަށް ސަރުކާރުން އެއްވެސް ވަރަކަށް ދޫނުދެއްވާނެކަންވެސް ސާބިތުވާ ކަމެކެވެ.

މިނިސްޓަރ މަޙްލޫފުގެ މައްޗަަށް ކުރެވުނު ޚިޔާނާތުގެ ތުހުމަތުތަކާއެކު ގިނަ ބައެއްގެ ނަޒަރުގައި މަޙްލޫފަށް މިހާރު ޖެހިވަޑައިގަންނަވާނީ އިސްތިއުފާ ދެއްވާށެވެ. އެއީ އެނާ ކޮރަޕްޝަންގެ އަމަލެއްގައި ބައިވެރިވަޑައިނުގަތްނަމަވެސްމެއެވެ. އޭނާއަށް ކުރެވޭ ތުހުމަތުތަކެއްގެ ސަބަބުންނެވެ. އޭނާއަށް ކުރެވޭ އިތުބާރު ކުރިއަށްވުރެ ކުޑަވުމުންނެވެ. އޭނާގެ ގައިގާއި ޖެހުނު ލައްގަނޑެއްގެ ސަބަބުންނެވެ.

ތަހުޒީބުވެފައިވާ ގިނަ ޤައުމުތަކުގައި އަދި ޚާއްސަކޮށް ޑިމޮކްރެޓިކް ޤައުމުތަކުގައި އަމަލުކުރަމުންދާ އުޞޫލުތަކެއް ހުރެއެވެ. އޭގެ ތެރޭގައި މުޖުތަމަޢު ޤަބޫލުނުކުރާ އަދި މުޖުތަމަޢުއަށް ބީރައްޓެހި އުޞޫލުން އަމަލުކުރެވިއްޖެނަމަ ސިޔާސީވެރިން ޢާއްމުކޮށް އިސްތިއުފާދެއްވައެވެ. މީގެ ތެރޭގައި އިންތިޚާބީ މަޤާމެއް ޢައްޔަންކުރެވޭ މަޤާމެއް އިސްތިސްނާއެއް ނުވެއެވެ.

ތީމުގޭގެ ވެލްފެއަރ ފަނޑުން ފައިސާ ހޯދި މައްސަލަ

ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް މުޙައްމަދު ނަޝީދު އުފެއްދެވި ރިޔާސީ ކޮމިޝަނުން 2009 ވަނަ އަހަރު ބުނެފައިވަނީ ރިޔާސީ ގަނޑުވަރުގެ ގޮތުގައި ކުރިން ބޭނުންކުރި ތީމުގޭގެ ވެލްފެއަރ ބަޖެޓުން 25،000 އެމެރިކާ ޑޮލަރުގެ އެހީއެއް އަޙްމަދު މަޙްލޫފް ހޯއްދަވާފައިވާކަމަށެވެ.

ފަޤީރުންނަށް އެހީދެއްވުމަށް ރައީސް މަޢުމޫން ޢަބްދުލް ޤައްޔޫމް އުފެއްދެވި ތީމުގޭގެ ވެލްފެއަރ ބަޖެޓުން މަޙްލޫފް އެހީ ހޯއްދެވީ ބޭސްފަރުވާއަށްކަމަށް ވިދާޅުވެއެވެ. މިކަމުގެ ސަބަބުންވެސް އޭނާއަށްވަނީ އެދުވަސްވަރު ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ.