ކުޅިވަރު

ހާއްސަ މެޗުން ކްރިކެޓް ކުޅުންތެރިންނަށް އިތުރު ދޮރުތަށް ހުޅުވޭނެ - ރައީސް ޞާލިޙް


ހުކުރު ދުވަހު ކުޅޭ ޙާއްސަ ކްރިކެޓް މެޗުގެ ސަބަބުން ރާއްޖޭގެ ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އެހެން ޤައުމުތަކުގައި ތަމްރީންކުރުމުގެ ފުރުސަތު ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞޯލިހް މިހެން ވިދާޅުވީ ހުކުރުދުވަހު ހަމަޖެހިފައިވާ ޙާއްސަ ކްރިކެޓް މެޗަށް ތައްޔާރުވުމަށް ކުރެއްވި ޕްރެކްޓިސްތަކުގެ ތެރެއިން މީޑިޔާއާއި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މި މެޗުން ރާއްޖޭގެ ކުޅިވަރަށް، އަދި ވަކިން ޙާއްސަކޮށް ކްރިކެޓަށް ލޯބިކުރާ ޒުވާނުންނަށް އިތުރު ފުރުސަތުތައް ލިބިގެންދާނެކަމަށެވެ.

އަދި މި ސަރަޙައްދަކީ ދުނިޔޭގެ ކްރިކެޓްގައި އެންމެ މޮޅެތި ޤައުމުތަށް ހިމެނޭ ސަރަޙައްދުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރާއްޖެއަށް ބައިނަލްއަގްވާމީ ފެންވަރުގައި އެންމެ ބޮޑަށް ކުރިޔަށް ދެވިދާނެ އެއް ކުޅިވަރުގެ ގޮތުގައި ކްރިކެޓް ފާހަގަކުރެވޭކަމަށެވެ. އަދި ކްރިކެޓަކީ ރާއްޖޭގައި ކުރިން ވަރަށް ފޯރިއާއެކު ކުޅެމުން އައި ކުޅިވަރެއް ކަމަށާއި، މިހާރުވެސް ހުނަރު ހުރި ޒުވާން ކްރިކެޓް ކުޅުންތެރިން ރާއްޖޭގައި ތިބިކަން ރައީސް ޞާލިޙް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ މި މެޗަކީ އަދި މިކަމުގެ ފެށުން ކަމަށާއި، ކުރިޔަށް އޮތްތަނުގައި އެހެން ޤައުމުތަކުގެ ޓީމުތައް ރާއްޖެ ގެނައިސް މިފަދަ މެޗުތައް ކުޅެވިގެން ދާނެކަމަށެވެ. އަދި މިފަދަ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިންގެ ކިބައިން ރައީސް ވަނީ އެދިވަޑައިގެންފައެވެ.