ވިޔަފާރި

ޖާގަ އިތުރަށް ބޮޑުނުކޮށް ކުރިއަށް އޮތް 7 އަހަރު ޑިމާންޑާއި އެއްވަރަށް ތެޔޮ ފޯރުކޮށްދެވޭނެ- އެސްޓީއޯ


އެސްޓީއޯގައި މިހާރު ތެޔޮ ރައްކާކުރުމުގެ ޤާބިލްކަން ހުރި މިންވަރަށް ބަލާއިރު، ކުރިއަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައި، ޖާގަ އިތުރަށް ބޮޑު ނުކޮށް އެއްވެސް ދަތި ކަމެއް ނެތި ޑިމާންޑާއި އެއްވަރަށް ތެޔޮ ފޯރުކޮށްދެވޭނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެސްޓީއޯގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަަކަދައްކަވަމުން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ މުޙައްމަދު މިހާދު ވިދާޅުވީ، އެސްޓީއޯއިން ފުނަދޫގައި ތެޔޮ ރައްކާކުރުމުގެ ޤާބިލްކަން އިތުރުކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތަށްފަހު، މިހާރު އެއްވެސް ދަތިކަމެއް ނެތި ތެޔޮ ރައްކާކުރުމުގެ ޤާބިލްކަން އެ ކުންފުނީގައި އެބަހުރި ކަމަށެވެ.

" ރާއްޖޭގައި ހަކަތަ އުފައްދަން މައިގަނޑުގޮތެގައި ބޭނުންކުރަނީ ތެޔޮ، ރާއްޖޭގައި ތެލުގެ ޑިމާންޑު އަހަރުން އަހަރަށް މައްޗަށްދޭ، މިހާރު ހުރި ސްޓޯރޭޖަކީ ކުރިއަށް އޮތް ފަސް އަހަރަށް އިތުުރު އެކްސްޕޭންޝަނަކަށް ނުގޮސް ރާއްޖޭގެ ޑިމާންޑަށް ތެޔޮ ލިބޭނެ"، މިހާދު ވިދާޅުވިއެވެ.

ފުނަދުއަކީ އެސްޓީއޯއިން ރާއްޖެ ގެންނަ ތެޔޮ ރައްކާ ކުރުމަށްޓަކައި، އެންމެ ބޮޑު ސްޓޯރޭޖް ހަދާފައިވާ ތަން ކަމަށް ވާއިރު، އެ ރަށުގައި މީގެކުރިން ހުރީ ޖުމްލަ 24،000 ޓަނުގެ ތެޔޮ ރައްކާ ކުރެވޭ އެކި ސައިޒުގެ 10 ޓޭންކެވެ. ހުސްވި އަހަރު ބޭނުންކުރަން ފެށި އާ ހަތަރު ޓޭންކާއެކު އެ ކުންފުނީގެ ތެޔޮ ރައްކާކުރެވޭ ޖާގަ ދެ ގުނަ އިތުރުވެފައިވާ ކަމަށް އެސްޓީއޯއިން މީގެކުރިން ވަނީ ބުނެފައެވެ.

މިހާދު ވިދާޅުވީ ތެޔޮ ރައްކާކުރުމަށް މިހާރު ބޭނުންކުރަނީ ހަމައެކަނި ފުނަދޫ ކަމަށްވުމުން ދަތިތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖޭގެ އެހެން ހިސާބުތަކަށް ފުނަދޫއިން ތެޔޮ އުފުލުމަށް ޚަރަދުތަކެއް ކުރަން ޖެހޭ ކަމަށާއި މިކަމަށް ހަލެއް ހޯދުމަށް ރާއްޖޭގެ އެހެން ހިސާބެއްގައި ތެޔޮ ރައްކާކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށް މަޝްވަރާތައް ކުރެވެމުންދާކަމަށެވެ.

"ރާއްޖޭގެ އެހެން ސަރަހައްދެއްގައި އެސްޓީއޯގެ ތެޔޮ ރައްކާކުރާ ތަނެއް ނެތް، އެސްޓީއޯގެ ޑިސްޓްރިބިއުޝަން ކުންފުނި އެފް.އެސް.އެމްއިން މާލެ ސަރަހައްދުން ތެޔޮ ހިފައިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކޮންމެ ފަހަރަކު ދާން ޖެހުމަކީ ޚަރަދު ބޮޑު ވާ ކަަމެއް" މިހާދު ވިދާޅުވިއެވެ.

ރާއްޖޭގައި ތެލުގެ ޔަޤީންކަން ކަށަވަރުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އެސްޓީއޯއިންވަނީ ހުސްވި އަހަރުތެރޭ 25000 ހާސް ޓަނުގެ ތެޔޮ އުފުލޭ ޓޭންކަރެއް ރާއްޖެ ގެނެސްފައެވެ. މި ތެއޮ ޓޭންކަރާއިއެކު، އެސްޓީއޯއިން ރާއްޖެއަށް ތެޔޮ ގެނައުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.