ސިޔާސީ

ކުރީގެ ރައީސް ނަޝީދާއި ދެކޮޅަށް ތިން މީހަކު ހެކިބަސް ދީފި


ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް ދައުލަތުން ދައުވާކުރާ ޓެރަރިޒަމްގެ މައްސަލާގައި މިރޭ ބޭއްވި އަޑުއެހުމުގައި ތިން މީހެއްގެ ހެކިބަސް ނަގައިފިއެވެ.މިރޭގެ އަޑުއެހުމުގައި ހެކިބަސް ދީފައިވަނީ ކުރިމިނަލްކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދުގެ އަނބިކަބަލުންނާއި އޭނާގެ ކޮއްކޮއަކާއި ފުލުހުންގެ އޮފިސަރެކެވެ.ހެކިބަސްދެމުން އިސްގާޒީ އަބްދުﷲ މުހައްމަދުގެ އަނބިކަބަލުންނާއި އެނާގެ ކޮއްކޮ ވިދާޅުވެފައިވަނީ އިސްގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގަދަކަމުންކަމަށެވެ. އަދި އެކަމަށް އައި ސިފައިން ތިބީ މޫނު ނިވާކޮށްގެންކަމަށާއި އާއިލާގެ ފަރާތުން އެހި އެއްވެސް ސުވާލަކަށް ޖަވާބްދީފައިނުވާކަމަށެވެ.މިރޭގެ އަޑުއެހުމުގައި ދެން ހެކިބަސްދީފައިވަނީ މި ހާދިސާ ހިނގިއިރު ޗީފް އިންސްޕެކްޓަރަކަށް ހުންނެވި މީހާރުގެ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފްއެވެ. އޭނާ ހެކިބަސްދެމުން ވިދާޅުވީ އިސްގާޒީ އަބްދުﷲ މުހައްމަދަށް ކޯޓާއި ސަތޭކަ ފޫޓް ކައިރިޔަށް ނާދެވޭނެކަމަށް ނަޝީދް ފުލުހުންނާއި ބައްދަލްކުރައްވާ ވިދާޅުވިކަމަށެވެ.މިރޭގެ އަޑުއެހުމުގައި ދައުލަތުން ވަނީ ނަޝީދާއި ދެކޮޅަށް ހުށައަޅާފައިވާ ބައެއް ހެކިން ހާޒިރްކުރަން ބޭނުންނުވާކަމަށް ބުނެފައެވެ. މީގެތެރޭގައި ކުރިމިނަލްކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދާއި ނަޝީދްގެ ވެރިކަމުގައި ކޮމިޝަނަރ އޮފް ޕޮލިސްކަން ކުރެއްވި އަހްމަދު ފަސީހާއި ޑެޕިއުޓީ ކޮމިޝަނަރ އަހްމަދު އަތީފްގެ އިތުރުން ކާނަލް ވައިސް ވަހީދް ހިމެނެއެވެ.މި މައްސަލާގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން ހެކީގެ ގޮތުގައި ހުށައަޅާފައިވާ އޯޑިއޯ، ވީޑިއޯގެ އިތުރުން ޑޮކިއުމަންޓް ހެކިތައް ބެލުމެވެ.މިރޭގެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނު ހުންނެވި ތަނުގެ ސަބަބުން މައްސަލައިގައި ހުށައަޅާފައިވާ އެއްވެސް ލިޔުމެއް އަދި ވީޑިއޯ އެއް ބެލުމުގެ ފުރުސަތުވެސް ނެތްކަމަށެވެ. ނަޝީދްގެ އެ ވާހަކަތަކަށް ޖަވާބްދާރީވަމުން މައްސަލަ ބައްލަވާ ބެންޗުން ވީދާޅުވީ ދެން އޮންނަ ޝަރީއަތެއް ފެށުމުގެ ކުރިން އެތަކަތި ބެލޭނެ އިންތިޒާމް ހަމަޖައްސަވާދެއްވާނެކަމަށެވެ.މި މައްސަލާގައި މިރޭ ބޭއްވި އަޑުއެހުން ނިންމާލީ މާދަމާ އިތުރު އަޑުއެހުމެއް ބާއްވާނެކަން އިއުލާންކުރެއްވަށްފަހުގައެވެ.