ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ސްކޫލްތަކުގައި ބުލީކުރުން ހުއްޓުވުމުގެ އުސޫލާއި، ސްކޫލް ނިޒާމުގެ ތެރެއިން ގަވާއިދުން ކުޑަކުދިންގެ ޞިއްޙަތު ބެލޭނެ ނިޒާމެއް ޤާއިމުކޮށް ތަންފީޛްކުރަން ފަށައިފިއެވެ.
ސްކޫލް ނިޒާމުގެ ތެރެއިން ގަވާއިދުން ކުޑަކުދިންގެ ޞިއްޙަތު ބެލޭނެ ނިޒާމެއް ހަމަޖެއްސުމާއި، ބުލީކުރުން ހުއްޓުވައި އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވާނެ ހަރުދަނާ އުސޫލެއް އެކުލަވާލައި ތަންފީޛްކުރަން ފެށުމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
ތަޢުލީމީ ނިޒާމުގައި ހަނގާކުރުން ހުއްޓުވާ އަނިޔާ ލިބޭފަރާތްތަކަށް އެހީތެރިވާނެ ގޮތުގެ އުސޫލާއި، ސްކޫލް ކުދިންގެ ސިއްޙަތު ބެލޭނެ ނިޒާމާއި، ސްކޫލް ކުދިންގެ ފުޑް ގައިޑްލައިން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ ސްކޫލް ދުވަސްވަރު ލިބޭ ނަފްސާނީ ގެއްލުންތަކަކީ އެކަމުގެ ނޭދެވޭ އަސަރު ކުދިންގެ މުޅި ޢުމުރަށް ދެމިގެންދާކަމެއްކަމަށާއި، ޤައުމުގެ މުސްތަޤުބަލާ ގުޅިފައިވާ މިފަދަ މައްސަލައެއް ޙައްލުކުރުމުގައި މުޅި މުޖުތަމަޢުގެ ބައިވެރިވުން ބޭނުންވާކަމަށެވެ.
އަލަށް އެކުލަވާލައި ތަންފީޒުކުރަންފެށި ފުޑް ގައިޑްލައިނާއި، ދަރިވަރުންގެ ޞިއްޙަތު ބެލޭނެ ނިޒާމާއި، ހަނގާކުރުން ހުއްޓުވުމުގެ އުސޫލަކީ ދިވެހި ކިޔަވާ ކުދިންނަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމުގެ އަމާޒަށް ވާސިލުވެވޭނެ ކަންތައްތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައިވަނީ އެންޓި ބުލީން އެމްބެސެޑަރަކަށް މަޝްހޫރު ޔޫޓިއުބަރ އާލިފް ނަސީރު އައްޔަންކޮށްފައެވެ.
އަލަށް ތަންފީޛުކުރަންފެށި ހަނގާކުރުން ހުއްޓުވުމުގެ ސިޔާސަތުގެ ދަށުން ސްކޫލް މާޙައުލުގައި އަދި ސްކޫލްތަކުން އިންތިޒާމުކުރާ ކަންކަމުގައި ހަނގާކުރުން ހުއްޓުވައި އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވާނެ ގޮތްތަކާއި، ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތްތައް މިއުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި މި އުސޫލުގެ ދަށުން ސްކޫލް މާޙައުލަކީ ކޮންމެ މުއްޖަކަށްވެސް ތަޢުލީމީ ފުރުސަތުތައް ތަނަވަސްވެފައިވާ މާޙައުލަކަށް ހެދުމަށް ބާރުއެޅުމަށް މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހަނގާކުރުން ހުއްޓުވުމާ ގުޅޭގޮތުން ސްކޫލް ދަރިވަރުންނާއި ޓީޗަރުން ހޭލުންތެރިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ސްކޫލް ނިޒާމުގެ ތެރެއިން ޤަވާއިދުން ދަރިވަރުންގެ ސިއްޙަތު ބެލޭނެ ނިޒާމެއް ޤާއިމްކުރުމުގެ ޕްރޮގްރާމްގެ ދަށުން ކޮންމެ ކުއްޖެއްވެސް އެކުއްޖެއްގެ ޢުމުރާ ގުޅޭގޮތުން އެއްކުޖެއްގެ ސިއްޙީ ކަންކަން ސްކްރީންކޮށް މޮނިޓަރ ކުރެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.