ޚަބަރު

މަޖިލިސް އިންތިޚާބުގައި އެމްއާރުއެމްގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުންގެ ޢަދަދު 24 އަށް


އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ރައީސް މައުމޫނު އިސްވެހުންނަވައި ކުރިއަށްގެންދަވާ ސިޔާސީ ހަރަކާތް އެމް.އާރު.އެމްގެ ފަރާތުން މިހާތަނަށް 24 ދާއިރާއަކަށް ކެނޑިޑޭޓުން ނެރުމަށް ނިންމާފައިވާކަމަށް އެމް.އާރު.އެމުން ބުނެފިއެވެ.

އެމް.އާރު.އެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ފަރާތުން މަޖިލިސް އިންތިޚާބުގެ ކަންކަމާއިގުޅޭ މައުލޫމާތުހާމަކުރެއްވުމަށް ކަނޑައަޅާފައިވާ ތަރުޖަމާން، ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ ރައީސް މައުމޫނު އުފެއްދުމަށް މަސައްކަތްކުރަމުންދާ މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ފަރާތުން ރައީސް މައުމޫނުގެ ތާޢީދާއެކު މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާކަމަށެވެ. "މާއްދާ 4" މިޝިޔާރުގެ ދަށުން މަޖިލިސް އިންތިޚާބަށް ކެނޑިޑޭޓުން ނެރުމުގެ މަސައްކަތް ރައީސް މައުމޫނުގެ ފަރާތުން ފަށާފައިވާއިރު، މިޝިޔާރަކީ ޤާނޫނު އަސާސީން ރައްޔިތުންގެ ބާރު ފެށިގެން އަންނަ މާއްދާއަށް ޚައްސަކޮށްގެން ރައްޔިތުންގެ ޙާދިމުންގެ ގޮތުގައި ކެނޑިޑޭޓުން ނެރުމަށް ބޭނުންކުރާ ޝިޔާރެކެވެ. ތަޒްމީލް ވިދާޅުވީ ރައީސް މައުމޫނުގެ ތާއީދާއެކު މަޖިލީހަށް ކުރިމަތިލާ ކެނޑިޑޭޓުން ވެގެންދާނީ ކޮރަޕްޝަނަށް ނޫނެކޭބުނާ އިޚްލާސްތެރި ބަޔަކަށްކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަކީ އެއްވެސް ހާލެއްގައި ވިޔަފާރިކުރުމަށް މެންބަރުން ވަޑައިގަންނަވާ ތަނަކަށް ނުހައްދަވައި، ރައްޔިތުންގެ ހައްޤުގައި މަސައްކަތްކުރައްވާ ރަނގަޅު ޤާނޫނޫ އިސްލާހީ މަސައްކަތްތަކެއް ކުރެވޭތަނެއްގެ ގޮތުގައި މަޖިލިސް ހެއްދެވުމަށް އެމަނިކުފާނު ބާރުއަޅުއްވައި އެކަމަށް މަސައްކަތްކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގެންނެވި. ޚާއްސަކޮށް ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ހުރިހާމަސައްކަތެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް ކޮށްދެއްވުމަށް ރައީސް މައުމޫނު އެފަރާތްތަކާއި ބައްދަލުކުރައްވައި އެދިވަޑައިގެންނެވި" ތަޒްމީލް ވިދާޅުވިއެވެ.

އެމް.އާރު.އެމްގެ ފަރާތުން 24 މީހަކު މަޖިލީހަށް ކުރިމަތިލާނެކަން ހާމަކުރައްވާފައިވާއިރު، އެފުރުސަތު މަޖިލިސް އިންތިޚާބަށް ކުރުމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާ ތާރީޚާއި ހަމއަށް އޮންނާނެކަމަށް ތަޒްމީލް ވިދާޅުވިއެވެ. ތަޒްމޯލް ވިދާޅުވީ ރައީސް މައުމޫނާއި އެމް.އާރު.އެމުން މަސައްކަތްކުރަމުންދަނީ ސަރުކާރު ކޯލިޝަންގެތެރެއިން ކަމަށްވާތީ ކޯލިޝަންގައި ހިމެނޭ ޕާޓީަކުން ނެރޭ 11 ކެނޑިޑޭޓަކަށް ތާއީދުކުރުމަށް އެމް.އާރު.އެމުން ވަނީ ނިންމާފައެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި އެމް.އާރު،އެމުން ވަނީ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ނަމުގައި ކޮރަޕްޝަންގެ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅިގެން ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙާށް މަރުހަބާ ދަންނަވާފައެވެ.

އަދި ވޭތުވެދިޔަ ސަރުކާރުގައި ހުރި ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވުމަށް ރައީސް މައުމޫނު ކުރެއްވި މަސައްކަތުގައި ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ.